"ރައްޔިތުން ބުރަ މަސައްކަތްކޮށްގެން ހޯދާ ލާރި ކޮޅުން އެކަނި ޤައުމު ހިންގަން އުޅުމަކީ ދެރަކަމެއް"

ރައްޔިތުން ބުރަ މަސައްކަތްކޮށްގެން ހޯދާ ލާރިކޮޅުން އެކަނި ޤައުމު ހިންގަން އުޅުމަކީ ދެރަކަމެއް ކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ އިންކަމް ޓެކްސް ބިލަށް މިއަދު މަޖްލީހުގައި ބަހުސް ކުރައްވަމުންނެވެ. ޝިޔާމް ވިދާޅުވި ގޮތުގައި ސަރުކާޜުން އާމްދަނީ ހޯދޭން ގޮތް އެނގެން ޖެހޭނެ ކަމަށާއި އެހެން ގޮތެއް ނުހޯދާ ރައްޔިތުން "ފެލަން" އުޅުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. އަދި ރާއްޖޭގެ އާބަދީގެ ބޮޑު ބައެއް އުޅެނީ މާލެ ނޫނީ މާލެ ސަރަހައްދުގައި ކަމަށާއި އާއިލާއަކަށް ކުލި ދީގެން ކިރިޔާ އުޅެލެވޭ ވަރުވަނީވެސް 40،000 ރުފިޔާ ލިބިގެން ކަމަށެވެ. އަދި އެހެން ކަމުން ޓެކްސް ނެގޭ އެންމެ ދަށް މިންވަރަކީ 40،000 ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ ފަރާތްތަށް ކަމަށް ހެދުން ރަނގަޅު ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން ޝިޔާމް ވިދަޅުވީ މި ސަރުކާރުން އިތުރު އާމްދަނީއެއް ވައްދާތަން ނުފެންނަ ކަމަށާއި، މިހާރު ފެންނަނީ އާމްދަނީ ނުވަންނާތީ ރައްޔިތުން އަތުން ޓެކްސް ނަގައިގެން ސަރުކަރު ހިންގަން އުޅޭތަން ކަމަށެވެ. އަދި އެހެން ލިބޭ އާމްދަނީ ކޮޅުވެސް ބަދަލުގެ ގޮތުގައި ރަށްޓެހިންނަށް ބަހާލައިގެން އުޅޭކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ. އިންކަމް ޓެކްސް އަކީވެސް އަންނަން ޖެހޭ އެއްޗެއް ކަމަށާއި، ނަމަވެސް އެކަން ކުރަން ޖެހެނީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން އެކަން ކުރާ ގޮތަށް ބަލައިގެންކަން ޝިޔާމް ފާހަގަކުރެއްވިއެވެ. "ޤައުމުގެ ހާލަތު މިއޮތީ އިންކަމް ޓެކްސް އަކާއި ހަމައަށް ދާ ހިސާބުގަތޯ؟ މާލީ މަރުކަޒު ތަކުން މިބުނަނީ އުފެއްދުންތެރިކަން ދަށްވާ ވާހަކަ، އާމްދަނީ ދަށްވާ ވާހަކަ" ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވަނީ މިއަހަރު ސަރުކާރަށް ބޮޑު ބަޖެޓެއް ފާސްކޮށްދީ އަދި ފަހުން 1.6 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްފީފައިވާއިރުވެސް އެދެވޭ ގޮތެއްގައި ތަރައްޤީގެ މަޝްރޫއުތައް ނުހިނގާކަން ފާހަކުރައްވާފައެވެ. 
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ