2018 ގެ ކުރިން އައްޑޫ ސިޓީގެ ރަށްތަކުގައި ނަރުދަމާ އާއި މަގުތައް ހެދުމުގެ މަސައްކަތް ނިންމާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިރޭ އައްޑޫ ސިޓީ ފޭދޫގައި އޮތް އެމްޑިޕީގެ "އަވަސް އޭށުން، އެކަނިއަސް އޭށުން" ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަސައްކަތް ނިންމާނީ އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް ކަމަށެވެ.
"އަޅުގަނޑުމެން 2018 ވަނަ އަހަރު އައުމުގެ ކުރިން އައްޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ސިޓީ ކައުންސިލް މެދުވެރިކޮށް ނިންމާނަން. އަދި އައްޑޫ ސިޓީ ގުޅިފައިވާ ރަށްތަކުގައި މަގުތައް ސިޓީ ކައުންސިލް މެދުވެރިކޮށް ހަދާ ނިންމާލާނަން." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އިން މަސައްކަތް ކުރަނީ އައްޑޫ ސިޓީ އަށް ގެސްޓް ހައުސް ވިޔަފާރީގެ ގޮތުގައި 2000 ގެސްޓް ހައުސް އަޅަން ކަމަށެވެ.
އަދި އެމަސައްކަތް ވެސް ނިންމާލާނީ އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް 2018 ގެ ކުރިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
2018 ގެކުރިން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތާއި މަގުތައް ހެދުން ނިންމާލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު އައްޑޫގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އައްޑުއަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވެފައި ވެއެވެ.
މިދިއަ މަހު ފޭދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ނަރުދަމާ ނިޒާމް ހަމަޖެއްސުން ކަމަށާއި، މުޅި އަތޮޅަށް ބޭނުންވާ ނަރުދަމާގެ ނިޒާމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށެވެ.
އެރޭ ރައީސް ވިދާޅުވީ އޮޕެކް ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޮފިޑް) ގެ ތެރެއިން ލިބޭ ފައިސާއިން 17 މިލިޔަން ޑޮލަރު އައްޑޫ ސިޓީގެ ނަރުދަމާގެ މަސައްކަތަށް ޚަރަދު ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
އައްޑޫ ސިޓީގެ ހަތަރު ރަށެއް ކަމުގައިވާ ހުޅުމީދޫ، ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫގައި ނަރުދަމާ ނިޒާމު އެޅުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީ އިން ވަނީ ހުޅުވާލާފައެވެ. އެމުއްދަތު ހަމަވާނީ މިހިނގާ އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހަށެވެ.
2018 ގެ ކުރިން އައްޑޫގެ ނަރުދަމާ އާއި މަގުތައް ހަދާ ނިންމާނަން – ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ