ރާއްޖޭގައި މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ގޭހުގެ ޙިދުމަތް ދެމުން އަންނަ މޯލްޑިވް ގޭސްއަށް ތަރައްގީ އަންނަތަން ފެންނަމުންދާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ މައުމޫން ވިދާޅުވެއްޖެއެވެ.
މޯލްޑިވް ގޭހުގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ކުންފުނި، ކުންފުންޏަކަށް ހަގީގަތުގައި ހަދާދޭ ބަޔަކީ ކުންފުނީގެ މުވައްޒަފުން ކަމަށާއި މުވައްޒަފުންނަކީ ކުންފުނީގެ އެންމެ ބޮޑު އެސެޓު ކަމަށެވެ.
އަދި މުވައްޒަފުން ނެތް ނަމަ މޯލްޑިވް ގޭސްއަކީ "ހަތަރު ފާރު ލާފައި ހުރި އިމާރާތެއް" ކަމަށާއި އިމާރާތުގެ ހަގީގީ ދިރުމަކީ މުވައްޒަފުން ކަމަށްވާއިރު މުވައްޒަފުން ބޭނުންވާ ކަންކަން ކުރުމަށް ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ. ހަމައެއާއިއެކު ކުންފުނީގެ މުވައްޒަފުން، ކުންފުންޏަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލައި އެކަން ކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް އެދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މައުމޫން ވާހަކައިގައި ކުންފުނީގެ މުވައްޒަފުން އެދުވަހެއްގެ މަސައްކަތް ނިންމާލުމަށްފަހު ގެއަށް ދިއުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދެއްކެވިއެވެ. އަދި އެގޮތަށް ކަންތައް ނުކުރާނަމަ އަބަދުވެސް އުޅެވޭނީ އެއް ދުވަސް ނޫނީ ދެދުވަސް ފަހަތުގައި ކަން މައުމޫން ފާހަގަކުރެއްވިއެވެ.
"ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން ބައިވަރު މަސައްކަތްތަކެއްކޮށްފައި ގެއަށް ދާއިރު، އަނެއް ދުވަހު އަނެއްކާ އައިސް ކުރީ ދުވަހުގެ މަސައްކަތް ނިންމާފައި ދެން އެދުވަހުގެ މަސައްކަތް ފެށީމަ ވާ ގޮތަކީ އަޅުގަނޑުމެންނަށް މިއުޅެވެނީ އެއް ދުވަސް، ދެ ދުވަސް ފަހަތުގައި. 16 ވަނަ އަހަރަށް ދާއިރު އަޅުގަނޑުމެން އެންމެން ވެސް އެބަޖެހޭ އަޒުމެއް ކަނޑައަޅަން،" މައުމޫން ވިދާޅުވިއެވެ.
މޯލްޑިވް ގޭސް ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނަކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ މޯލްޑިވް ގޭސްގައި ހިނގާ ހުރިހާ ޕްރޮޖެކްޓުތަކަކީ މޯލްޑިވް ގޭސްގެ ހުރިހާ ސްޓާފުންގެ އަތުން މަސައްކަތްކޮށްފައި ހުރި ޕްރޮޖެކްޓުތަކެއް ކަމަށާއި މޯލްޑިވް ގޭސްގައި ހުނަރުވެރި ޓީމެއް އެބައޮތް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
މެނޭޖިންގ ޑިރެކްޓަރު ވަނީ މޯލްޑިވް ގޭސްގެ ހުރިހާ މުވައްޒަފުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އެކަކު އަނެކަކަށް ނުވި ކަމެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އެމީހާއަށް އެކަން ނުވީތީ އެކަން ފުރިހަމަކޮށްދެވޭނެ ގޮތެއް ހަދައި ދޭން ޖެހޭ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
މައުމޫން އިތުރަށް ވިދާޅުވި ގޮތުގައި މޯލްޑިވް ގޭސްގައި ތިބި މުވައްޒަފުން ދޭ ހިދުމަތަކީ އެއް ހަރުފަތުން އަނެއް ހަރުފަތަށް ރަނގަޅުކޮށްދެވޭ ހިދުމަތަކަށް ހަދަން ޖެހެއެވެ. އަދި ހުރިހާ މުވައްޒަފުން ވެސް ފަރުވާތެރިކަމާއިއެކު މަސައްކަތް ކުރަން ޖެހޭކަން މައުމޫން ފާހަގަކުރެއްވިއެވެ.
މޯލްޑިވް ގޭސް އިން ރާއްޖޭގައި ގޭހުގެ ޚިދުމަތް ފެށީ 1999 ވަނަ އަހަރު އެވެ. އެކުންފުނިން ދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޭހުގެ ޚިދުމަތް ފޯރު ކޮށްދެމުންނެވެ. މިވަގުތު އެކުންފުނީގައި 50،000 އަށް ވުރެ ގިނަ ކަސްޓަމަރުން އެބަތިއްބެވެ.
މޯލްޑިވް ގޭސްއަށް ތަރައްގީ އަންނަތަން ފެނޭ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ