މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

މާލޭގެ ބޮޑު ބަޔަކުން މިރޭ ކުއްލި ގޮތަކަށް ކަރަންޓް ކެނޑިއްޖެ އެވެ.
މާލެއަށް ކަރަންޓް ދެމުން އަންނަ ސަރުކާރުގެ ކަރަންޓް ކުންފުނި، ސްޓެލްކޯގެ އޮފިޝަލަކު މިރޭ ވިދާޅުވީ މިރޭ 11:00 ޖަހާކަން ހާއިރު މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި އެ މައްސަލަ ހައްލުކުރަން އެ ކުންފުނީގެ އިންޖިނިއަރުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކަރަންޓް ކެނޑެން ދިމާވީ ކޮން މައްސަލައަކާ ގުޅިގެންކަން އަދި އެނގިފައި ނުވާ އިރު އެ މައްސަލަ ހައްލުކޮށް މުޅި މާލެ އަށް ކަރަންޓް ދިނުމަށް އަދި ގަޑިއެއްހާއިރު ނަގާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ބައެއް ހިސާބުތަކުން ކަރަންޓް ދެވެމުން މިދަނީ މައްސަލަ ހައްލުވާ ވަރަކުން، ނަމަވެސް އަދި ގަނޑިއެއްހާއިރު ނަގާނެ،" ރައޫފު ވިދާޅުވި އެވެ.
ފިހާރަތަށް ބަންދުކުރާ ވަގުތާއި އަދި ރޭގަނޑުގައި އެންމެ ގިނައިން ކަރަންޓް ބޭނުން ކުރާ ވަގުތާ ދިމާކޮށް މާލޭގެ ބޮޑުބަޔަކުން ކަރަންޓް ދިޔުމުން ވިޔަފާރިވެރިންނަށާއި އާންމުންނަށް ވެސް ގިނަ އުނދަގޫތަކަކާއި ކުރިމަތިވި އެވެ. މި އަހަރުގެ މެދުތެރޭގައި ވެސް އިރުއިރުކޮޅާހެން މާލޭން ކަރަންޓް ދިޔުމުގެ މައްސަލައާ ކުރިމަތިލާންޖެހުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ