''އަހަރެން އަބަދުވެސް ކުޅެނީ މިހެން، މިހާރު ތަފާތަކީ ގޯލަށް ބޯޅަ ވަންނަން ފެށުން''
މެންޗެސްޓަރ ސިޓީގެ ހަލުވި ވިންގަރ ޖެރެމީ ޑޯކޫ، އޭނާގެ ކުޅުމުގެ ވައްޓަފާޅިއަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި، ފަހަކަށް އައިސް ފެންނަ ކުރިއެރުމަކީ އޭނާގެ ގުދުރަތީ ހުނަރުގެ ނަތީޖާ ކަމަށް އޭނާ ބުނެފިއެވެ. އިއްޔެ ބްރެންޓްފޯޑް އަތުން 3-0 އިން ސިޓީ މޮޅުވި މެޗުގައި މުހިންމު ލަނޑެއް ޖެހުމަށްފަހު ވާހަކަދައްކަމުން ޑޯކޫ ބުނީ، އޭނާއަކީ އަބަދުވެސް ވަގުތުން ލިބޭ "އިންސްޓިންކްޓް" ނުވަތަ އިހުސާސްތަކަށް ބަރޯސާވެގެން ކުޅޭ ކުޅުންތެރިއެއް ކަމަށެވެ. ބްރެންޓްފޯޑްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލައި، މެޗުގެ ފުރަތަމަ ލަނޑު ޑޯކޫ ކާމިޔާބުކުރީ 60 ވަނަ މިނެޓުގައެވެ. އެ ލަނޑާ ގުޅޭގޮތުން އޭނާ ބުނީ، ކޯނަރަކުން ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ގޯލަށް ފޮނުވާލީ މާ ބޮޑަށް ވިސްނުމެއް ނެތި ކަމަށެވެ. "އަހަރެން އަބަދުވެސް ކުޅެނީ މިގޮތަށް. ތަފާތަކީ މިހާރު އެ ބޯޅަތައް ގޯލަށް ވަންނަން ފެށުން،" ބީބީސީގެ މެޗް އޮފް ދަ ޑޭ އަށް ދިން އިންޓަވިއުގައި ޑޯކޫ ފާހަގަކުރިއެވެ. މީގެ އިތުރުން، މި މެޗުގައި ލަނޑު ޖެހި މިސްރުގެ ފޯވާޑް އުމަރު މާމޫޝްއަށް ވެސް ޑޯކޫ ވަނީ ތައުރީފުކޮށްފައެވެ. އޭނާ ބުނި ގޮތުގައި މާމޫޝް އަކީ ވަރަށް ބުރަކޮށް ތަމްރީނުތަކުގައި މަސައްކަތްކުރާ ކުޅުންތެރިއެއް ކަމަށާއި، އޭނާއަށް ލަނޑެއް ލިބުމުން މުޅި ޓީމު އުފާކުރާ ކަމަށެވެ. މި މޮޅާއެކު ސިޓީ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއަށްވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. ލީގުގައި ބާކީ ތިން މެޗު އޮތްއިރު، ސިޓީގެ ކުރިއަށް އޮތް މެޗަކީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ