އިހުސާން މަގާމުން ވަކިކުރުން ކާމިޔާބެއް ނުވި، ފާސްވީ އިތުބާރު އޮތް ކަމަށް!

ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 64 މެމްބަރުން ވޯޓު ދެއްވާފައިވަނީ އިހުސާނަށް އިތުބާރު އޮތް ކަމަށެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކި ކުރަން އިދިކޮޅު އެމްޑީޕީން ހުށަހެޅި އިތުބާރުނެތް ކަމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުން ފާސްނުވެ، ފެއިލްވެއްޖެ އެވެ. 
އިހުސާން މަގާމުން ވަކި ކުރަން އެމްޑީޕީގެ 12 މެމްބަރަކު ސޮއިކޮށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީ، އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.މިގޮތުން، ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން، އާންމުންގެ އެތައް ބައެއްގެ ޒާތީ މައުލޫމާތު ނަގައި، ވެރިކަން ކުރާ ޕީއެންސީއަށް މެމްބަރުން ވެއްދުމާއި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން އިމިގްރޭޝަނުން ބޭނުންކުރުމަށް އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް، އެ ނިޒާމް ހުއްޓުވައި ދައުލަތަށް ބޮޑު ގެއްލުމެއްވާ ގޮތަށް މެލޭޝިޔާގެ ކުންފުންޏަކަށް ދިން ކަމުގެ ތުހުމަތު އިހުސާންގެ މައްޗަށް އެމްޑީޕީން ވަނީ ކޮށްފަ އެވެ.
އެ ތުހުމަތުތަކަށް އިހުސާން މިއަދު ވަނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ފުރިހަމައަށް ޖަވާބުދާރީވެވަޑައިގެންފަ އެވެ. 
އެ މައްސަލައަށް މަޖިލީހުގައި މިއަދު ނެގުނު ވޯޓުގައި، އިހުސާންގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާފައިވަނީ އެންމެ 11 މެމްބަރުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 64 މެމްބަރުން ވޯޓު ދެއްވާފައިވަނީ އިހުސާނަށް އިތުބާރު އޮތް ކަމަށެވެ. އެއާ އެކު، މަޖިލީހުގެ ރިޔާސަތުން ވަނީ އިހުސާންގެ މައްޗަށް މަޖިލީހުގެ އިތުބާރު އޮތް ކަމަށް އިއުލާނު ކުރައްވައިފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ