ޓިކްޓޮކް ވިއްކުމާ ގުޅޭ ގޮތުން ހަތަރު ގްރޫޕަކާ ވާހަކަ ދައްކަން: ޓްރަމްޕް

ޓިކްޓޮކް ވިއްކުމާ ގުޅޭ ގޮތުން އެމެރިކާއިން ހަތަރު ގްރޫޕަކާ ވާހަކަ ދައްކަމުން ދާކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ވިދާޅުވީ ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް ވިއްކުމާބެހޭ ގޮތުން އެ ގައުމުގެ ސަރުކާރުން މިހާރު ތަފާތު ހަތަރު ގްރޫޕަކާއެކު މަޝްވަރާކުރަމުން ގެންދާ ކަމަށެވެ. އަދި ހުރިހާ ގްރޫޕެއްގެ ހުށަހެޅުންތައް ވެސް ރަނގަޅު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއާ ފޯސް ވަން މަތީގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން، ޓިކްޓޮކް ވިއްކުމާބެހޭ ޑީލެއް އަވަހަށް ކުރިއަށް ދާނެތޯ ސުވާލުކުރުމުން، "އެކަން ވެދާނެ" ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. "އަޅުގަނޑުމެން ތަފާތު ހަތަރު ގްރޫޕަކާއެކު މަޝްވަރާކުރަމުން ގެންދަނީ، އަދި ގިނަ ބަޔަކު މިކަމަށް ޝައުޤުވެރިވޭ... ހަތަރު ގްރޫޕްވެސް ރަނގަޅު" ކަމުގައި ރައީސް ޓްރަމްޕް ވިދާޅުވިއެވެ. ޤައުމީ ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން ޓިކްޓޮކްގެ ވެރިފަރާތް ކަމުގައިވާ ބައިޓްޑާންސްއިން ޓިކްޓޮކް ވިއްކުމަށް ނުވަތަ އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް ނިންމާ ޤާނޫނެއް ޖަނަވަރީ 19ގައި ތަންފީޒުކުރަން ފެށި ހިސާބުން، މި އެޕްލިކޭޝަންގެ މުސްތަޤުބަލާމެދު ޔަޤީންކަން ގެއްލިފައިވެއެވެ. ރައީސްކަމާ ހަވާލުވުމަށްފަހު، ޖަނަވަރީ 20ގައި ޓްރަމްޕް ވަނީ އިތުރު 75 ދުވަހުގެ މުއްދަތެއް ދެއްވާ އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކުރައްވާފައެވެ. މާކެޓް އެނަލިސްޓުންގެ އަންދާޒާގައި 50 ބިލިއަން ޑޮލަރާ ހަމައަށް އަގުކުރެވޭ މި ވިޔަފާރި ގަތުމަށް އެކި ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، މީގެތެރޭގައި ކުރީގެ ލޮސް އެންޖެލެސް ޑޮޖާސްގެ ވެރިޔާ ފްރޭންކް މެކްކޯޓް ވެސް ހިމެނެއެވެ. މިކަމާ ގުޅިގެން ޓިކްޓޮކް އަދި ބައިޓްޑާންސްއިން އެއްވެސް އެއްޗެއް ނުބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ