ގިނަ ކުދިންތަކެއް ގުރުއާން ހިތުދަސްކުރި ޅ. ނައިފަރުގެ 'ގުރުއާން ލާނިން ސެންޓަރު' ތަރައްގީ ކުރަން ވަގުފު ފަންޑުން އެހީވާން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އަމިއްލަ ފަރާތަކުން ހިންގާ މި ހިފްޒު ސެންޓަރު ހުންނަ އިމާރާތް ބާވެ ހަލާކުވަމުންދާތީ އެތަން ތަރައްގީކުރަން އާންމުންގެ އެހީތެރިކަމަށް އޮތީ އެދިފަ އެެވެ. މި ސެންޓަރަކީ ގިނަ އަދަދެއްގެ ހާފިޒުންތަކެއް އުފެއްދުމުގެ ކާމިޔާބު މަސައްކަތެއް ކުރަމުން އަންނަ ޝައިހް ހާފިޒް އަހުމަދު ނާޒިލް ހިންގަމުން އަންނަ ސެންޓަރެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރީ ރޭ ބޭއްވި، ގުރުއާން ހިތުދަސް ހާފިޒުން ދަސްވެނިވުމުގެ ހަފްލާގައި ވެސް މި ސެންޓަރުން ދަރިވަރުވި ގިނަ ކުދިންތަކެއް ހިމެނެ އެެވެ.
ތަފްސީލް - އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަމީމް އަލީ ސައީދު މިއަދު ވިދާޅުވީ އެ ގުރުއާން ސެންޓަރު ތަރައްގީކުރަން ވަގުފު ފަންޑުން އެހީދޭން ނިންމާފައިވަނީ އެތަން ތަރައްގީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް މިނިސްޓްރީގައި އެދިފައިވާތީ ކަމަށެވެ.
މި ސެންޓަރު ތަރައްގީކުރަން ފަންޑު ހޯދަން ހުޅުވާލައި މިދިޔަ އާދިއްތަ ދުވަހު ޝެއިހް ނާޒިލް އިންސްޓިޓިއުޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ގުރުއާން ހިތުދަސްކުރަން ބޭނުންވެފައިވާ އެތައް ކުދިންނެއް ތިއްބަސް އެކަން ފަހި ނުކޮށްދެވިގެން އުޅެނީ މިހާރު އެ ސެންޓަރު ހިންގަމުންދާ އިމާރާތުގައި ޖާގައިގެ ދަތިކަން އޮތުމުން ކަމަށެވެ. އަދި ވިއްސާރަ މޫސުމެއްގައި ނަމަ އެ އިމާރާތަށް ފެންފޭބުން ފަދަ ކަންކަން ކުރިމަތިވާ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ބުނެފައިވަނީ:
ސީލިންްގުގައި މީދާ އާލާވެފައިވާ ކަމަށް
ފާރުތަކުގައި ރެނދުލާފައިވާ ކަމަށް
އިމާރާތް ބާވެ ވީރާނާވަމުންދާ ކަމަށް
މި ސެންޓަރު އިމާރާތްކުރާނެ ތަކެތި ދޭނެ ފަރާތެއް ހަމަޖެހިފައިވިޔަސް، ފައިސާގެ އެހީ ހޯދަން ފަންޑު ހުޅުވާލާފައިވަނީ މަސައްކަތުގެ އަގުގެ ގޮތުގައި ބޭނުންކުރުމަށް ފައިސާ ހޯދަން ކަމަށް ޕޯސްޓުގައިވެ އެވެ. އެގޮތުން ލައްކައެއްހާ ރުފިޔާގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.
ގިނަ ކުދިންތަކެއް ޤުރުއާން ހިތުދަސްކުރި ނައިފަރުގެ ހިފްޒު ސެންޓަރު ތަރައްގީ ކުރަން ވަގުފު ފަންޑުން އެހީވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ