ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ދަފްތަރުކޮށް ރަޖިސްޓްރީކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާ ގުޅިގެން އެމްއެފްޑީއޭއިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ އެ ގާނޫނުގެ ދަށުން މާލޭގައި ހިންގާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރަންޖެހޭނީ އެ އޮތޯރިޓީގައިކަމަށެވެ.
އަދި އަތޮޅުތެރޭގައި ހިންގާ ތަންތަން ރަޖިސްޓްރީ ކުރަންޖެހޭނީ އެ ރަށެއްގެ ސިއްހީ ޚިދުމަތްދޭ މަރުކަޒެއްގައިކަމަށެވެ. އެމްއެފްޑީއޭއިން ބުނީ ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހިންގުމަކީ މަނާކަމެއް ކަމަށެވެ.
Advertisement
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އިންތިގާލީ އުސޫލު ބަޔާންކުރާ ގަވާއިދުގައިވާގޮތުން ދައުލަތުގެ އެހެން އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި އެތަންތަނުގައި އުޅޭ މީހުން ލައިސަންސް ހޯދުމަށް އެމްއެފްޑީއޭ އަށް ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެއެވެ.
އަދި ރަޖިސްޓަރީ ނުކޮށް ނުވަތަ ކަމާބެހޭ ހުއްދައެއް ނުހޯދައި ހިންގަމުން އަންނަ ވިޔަފާރިތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރަޖިސްޓަރީކޮށް ލައިސަންސް ހޯދުމަށް ޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލުމަށް ކަނޑައަޅާފައިވާ ގަވާއިދުތަކުގެ ތެރެއިން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ގުޅޭ ގަވާއިދުތަކަށް އަމަލުކުރަން ފެށެންދެން، ރަޖިސްޓްރީކުރުމާއި ލައިސަންސް ދޫކުރުމުގައި އަމަލުކުރާނީ އިންތިގާލީ އުސޫލު ބަޔާންކުރާ ގަވައިދަށް ކަމުގައި އެމްއެފްޑީއޭއިން ބުނެއެވެ.
އަދި ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދިނުމަށް ވަގުތީގޮތުން ގާއިމުކުރާ މާރުކޭޓުތަކާއި އުޅަނދުތަކާއި ސްޓޭންޑްތައްރަޖިސްޓަރީ ކުރުން ގަވާއިދުން ލާޒިމެއް ނޫނެވެ.
މި ގަވާއިދުގައި ވާގޮތުން ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ޚިދުމަތް ދިނުމުގެ ވިޔަފާރި ކުރުމަކީ މަނާކަމެކެވެ. އަދި ރަޖިސްޓްރީ ނުކޮށް ވިޔަފާރިކޮށްފިނަމަ 10،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ދަފްތަރުކޮށް ރަޖިސްޓްރީކުރުމަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ