ރައީސް މުހައްމަދު މުއިއްޒު، 'އަދަދު' ނޫހުގެ ސީއީއޯ އަދި ނޫސްވެރިޔާ ހުސައިން ފިޔާޒު މުސާ އަށާއި އެ ނޫހުގެ ނޫސްވެރިންނަށް އިންޒާރުދިން ކަމަށް ބުނާ މައްސަލައިގައި ރައީސް އޮފީހާ އެކު ބައްދަލުކުރަން މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ)ން އިއްޔެ އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - 'އަދަދު' ނޫހުން އާދިއްތަ ދުވަހު ނެރުނު ބާޔާނުގައި ބުނެފައިވާ ގޮތުން، ރައީސް މުއިއްޒު، ފިޔާޒަށް ފޯނުން ގުޅުއްވައި އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލަ އެ ނޫހުގެ ފަރާތުން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. މިކަމާ ގުޅިގެން ސަރުކާރުން އަދި މިހާތަނަށް އެއްޗެއް ބުނެފައިނުވާއިރު، މި މައްސަލަ ވީހާ ވެސް އަވަހަކަށް ތަހުގީގު ކުރުމަށް ޖަމިއްޔާތަކުން ވަނީ ގޮވާލާފަ އެވެ.
ތަފްސީލު - މި މައްސަލަ ފެންމަތިވުމާ އެކު، މިކަމާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް އެމްއެމްސީން އިއްޔެ ފިޔާޒުއާ ބައްދަލުކޮށްފައިވެ އެވެ.
އެމްއެމްސީގެ އިސް އޮފިޝަލު މިއަދު 'ދައުރު'އަށް ވިދާޅުވީ ފިޔާޒު ދައްކާފައިވާ ވާހަކަތަކާ ގުޅިގެން މި މައްސަލައިގައި ރައީސް އޮފީހާ ބައްދަލުކުރުމަށް އިއްޔެ އެ އޮފީހުގައި އެމްއެމްސީގެ ފަރާތުން އެދިފައިވާނެ ކަމަށެވެ. ނަމަވެސް އަދި މިިހާތަނަށް އެ ދައުވަތާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މި މައްސަލަ ތަހުގީގުކޮށްދީ، ފިޔާޒަށް ރައްކާތެރިކަން ދިނުމަށް އެމްއެމްސީގެ ފަރާތުން ފުލުހުންގެ ހިދުމަތުގައި ވެސް އެދިފައިވާނެ ކަމަށެވެ. އަދި ބައެއް އެހެން އިދާރާތަކުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)
ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)
ރާއްޖޭގައި ހުންނަ އދ.ގެ އޮފީސް
ޔޫއެންއޯޑީސީ
ރައީސް، ފިޔާޒަށް އިންޒާރުދިން ކަމަށް ބުނާ މައްސަލަ: އެމްއެމްސީން ރައީސް އޮފީހާ ބައްދަލުކުރަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ