ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލު ތަސްދީގު ނުކުރައްވައި ހަފުތާއެއް
ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށަހެޅި ބިލު ދެ ދުވަހުގެ މަސައްކަތުން ފާސްކޮށްފައިވީ ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ބިލު ތަސްދީގު ނުކުރައްވައި ހަފުތާއެއް ވެއްޖެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމުގެ ބިލު މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެ ބިލު ހަމަ އެ ދުވަހު ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައި، ބިލުގައި ދިރާސާ ކުރަން ޖެހޭ މާ ބޮޑު ކަމެއް ނެތް ކަމަށް ބުނެ އެ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވިއެވެ. https://www.sun.mv/203060 އެ ބިލާ ދެކޮޅަށް އިދިކޮޅު އެމްޑީޕީއާއި ޕީއެންސީގެ ބައެއް މެންބަރުން ވެސް ޚިޔާލު ފާޅުކުރިއެވެ. ނަމަވެސް ސުޕަމެޖޯރިޓީ އޮތް ޕީއެންސީން ވަނީ، އަޑުގަދަކުރި އެމްޑީޕީ މެންބަރުން ތަޅުމުން ނެރުމަށް ފަހު ބިލް ފާސްކޮށްފައެވެ. ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް އެ ބިލް ފާސްކުރުމަށް އަންގައި ޕީއެންސީން ތުރީ ލައިން ވިޕެއް ނެރެފައި އޮތްއިރު، ވިޕާ ޚިލާފުވި ދެ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުން ވަނީ ދީފައެވެ. އޭގެ ތެރޭގައި، ވޯޓަށް އެހުމުން ތަޅުމުން ނުކުމެވަޑައިގަތް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހިމެނޭއިރު، އެ ދުވަހު ރައީސް ވެސް ވަނީ އެ މައްސަލައިގައި ނުރުހުން ފާޅުކުރައްވައި އެއީ އެއްވެސް ފަހަރަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ބިލް ފާސްކުރިތާ މިއަދު ހަފުތާއެއްވާއިރު ރައީސް އެ ބިލް ތަސްދީގު ނުކުރައްވައެވެ. އެ ބިލް ތަސްދީގު ކުރައްވަން ނުވަތަ އަނބުރާ ފޮނުވާލުމަށް ރައީސަށް ލިބިވަޑައިގަންނަވަނީ ޖުމުލަ 15 ދުވަހެވެ. އެ ބިލް ފާސްކުރީ، މެންބަރުން ސިޔާސީ ޕާޓީތަކުން ވަކިވުމުންނާއި ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މި މަޖިލީހުން ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ. އަދި އެ އިސްލާހަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުމުން، އެ މައްސަލައިގެ އަޑު އެހުމެއް ބުދަ ދުވަހުގެ 11:00އަށް ތާވަލުކޮށްފައި ވަނިކޮށެވެ. https://www.sun.mv/203064 އެ އަޑުއެހުން ގާތް ވެފައިވަނިކޮށް، އަދި މަޖިލީހުން ބިލް ފާސްކުރި ފަހުން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރިއެވެ. އެއީ ފަނޑިޔާރުން ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ޖޭއެސްސީން ވަނީ ކުއްލި ގޮތަކަށް ފަނޑިޔާރު ހުސްނުއްސުއޫދާއި، އަޒްމިރަލްދާއާއި، މަހާޒު ސަސްޕެންޑުކުރަން ނިންމައިފައި -- ފޮޓޯ: ރައީސް އޮފީސް އެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނައިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަންނަނީ އެ ބޭފުޅުންގެ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. ނަމަވެސް މައްސަލަތަކުގެ ތަފުސީލެއް މިހާތަނަށް ނުދެއެވެ. ސަސްޕެންޝަންގައި ހުންނެވި ސުއޫދު އިއްޔެވަނީ، ރައީސް އިސްވެ ހުންނަވައި ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައި މަގާމުން އިސްތިއުފާ ދެއްވައިފައެވެ. https://www.sun.mv/203289 ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަަމުން އައީ ކޯޓުގެ މުޅި ބެންޗުންނެވެ. އަދި ބުދަ ދުވަހު އޮތް އަޑުއެހުން ކެންސަލްކުރި ފަހުން އެ މައްސަލަ އޮތީ ހުއްޓިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ