މިއަދު ބާއްވަން ހަމަޖެއްސި މުލީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު ފަހު ވަގުތު ކެންސަލްކޮށްފި މިއަދު ބާއްވަން ހަމަޖެއްސި މުލީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު ފަހު ވަގުތު ކެންސަލްކޮށްފި

މިއަދު ހުޅުވަން ހަމަޖެހިފައި އޮތް މުލީ އެއާޕޯޓު ހުޅުވުން ފަހު ވަގުތު މުއްދަތެއް ނެތް ގޮތަށް ކެންސަލްކޮށް، މުލީ ކައުންސިލަށް އެކަން އަންގައިފި އެވެ.
މުލީ ކައުންސިލްގެ ރައީސް ޝަމްއޫން ރަމީޒް އަދަދު އަށް ވިދާޅުވީ އެއާޕޯޓު ހުޅުވުމަށް ކައުންސިލުން ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައި އޮއްވައި، އިވެންޓު ކެންސަލް ކަމަށް ރައީސް އޮފީހުން އެންގީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
"މިއަދު އެއާޕޯޓު ހުޅުވަން އޮތީ. ކައުންސިލުގެ ހުރިހާ އިންތިޒާމެއް ހުރީ ހަމަޖައްސާފައި. އިވެންޓު ކެންސަލް ކަމަށް އެންގީ ރޭ ދަންވަރު،" އޭނާ ވިދާޅުވި އެވެ.
ޝަމްއޫން އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި އޮތް އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
މިދިޔަ އޭޕްރިލް 10، ގައި ބޭއްވި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވިދާޅުވި ދެން އެންމެ އަވަހަށް އަތޮޅުތެރެއަށް ކުރައްވާ ދަތުރަކީ މުލީ އެއާޕޯޓު ހުޅުވުމަށް ކުރާ ދަތުރު ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު އެ ދުވަހު ވިދާޅުވީ އެންމެ ބެނުންވަނީ މިދިޔަ މަހު އެއާޕޯޓު ހުޅުވުމަށް ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރިއަށް ނުގޮސްފިނަމަ މެއި 1، ގައި އެއާޕޯޓު ހުޅުވާނެ ކަމަށް ވިދާޅުވި އެވެ.
"'މުލީގެ އެއަރޕޯޓް އިރާދަކުރެއްވިއްޔާ، މޭ މަހުގެ 1 ގައި، ނޫނީ އެޕްރީލް 30 ގައި، އޭގެ ކުރީ ދުވަހު އިނގޭތޯ. އެޕްރީލް 30 ގައި. އެއީ، އަޅުގަނޑު އެންމެ ބޮޑަށް ބޭނުންވަނީ، މި މަސް ނިމުމުގެ ކުރީގައި ހުޅުވަން. ދެން ނުހުޅުވިއްޖިއްޔާ، ޖެހިގެން އަންނަ ދުވަހުވެސް ހުޅުވަން،" ރައީސް ވިދާޅުވި އެވެ.
މުލީ އެއާޕޯޓަށް މިދިޔަ އޭޕްރިލް 25، ގައި ޓެސްޓު ފްލައިޓު ވަނީ ޖައްސާފަ އެވެ. ހުރިހާ ކަމެއް ތައްޔާރުވެފައި އޮއްވައި މުލީ އެއާޕޯޓު ހުޅުވުން ފަސްކުރި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
މުލީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވޭއިރު، އޭނާ މަގާމުން ވަކި ކުރުމަށް ގޮވާލައި މާލޭގައި އިހުތިޖާޖު ކުރަމުން އަންނަތާ ހަފްތާއެއް ވަނީ ވެފަ އެވެ.
އަމީން މަގާމުން ވަކިކުރަން ގޮވައިލަމުން އަންނަނީ މާލޭގެ އުސް އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ. އަދި އޭނާ ވަކިކުރަން ޓެކްސީ ޑްރައިވަރުން ވެސް އަންނަނީ ގޮވާލައި އިހުތިޖާޖުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ