ޕީއެސްއެމްގެ ވަކީލުން ކޯޓަށް ހާޒިރު ނުވުމުން މައްސަލަ ބޭރުކޮށްލައިފި ޕީއެސްއެމްގެ ވަކީލުން ކޯޓަށް ހާޒިރު ނުވުމުން މައްސަލަ ބޭރުކޮށްލައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ހަތަރު ލައްކައެއްހާ ރުފިޔާ ދައްކަން އަމިއްލަ ކުންފުންޏެއްގެ މައްޗަށް އިއްވި ހުކުމަކާ އެއް ގޮތަށް ފައިސާ ނުދައްކައިގެން، އެ ހުކުމް ތަންފީޒުކުރަން އެދި ޕީއެސްއެމްއިން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.
މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރަން ކޯޓުން މިއަދު ހުކުމް ކުރީ، ކޯޓު އަމުރާ ހަވާލުވުމަށް ފަހު އަޑުއެހުމަށް ހާޒިރުނުވުމުންނެވެ. ޕީއެސްއެމްއިން އަޑުއެހުމަށް ހާޒިރުނުވީ ސަބަބު އަންގާފައި ނުވާއިރު، މިހެން ދިމާވާ ހާލަތުގަައި ދައުވާ ފޯމު ބާތިލުކުރުމުގެ ބާރު ކޯޓަށް ލިބެ އެވެ.
"މި ދައުވާގައި 03 ޖޫން 2025 އަށް ތާވަލުކުރެވުނު އަޑުއެހުމަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ދައުވާކުރާ ފަރާތަށް ރައްދުވެ، އެ އަމަރުގައިވާ ގަޑިއަށް ކޯޓަށް ހާޒިރުވެފައިނުވާ ސަބަބު ދައުވާކުރާ ފަރާތުން ކޯޓަށް އަންގާފައިނުވާތީ، ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން ބޭވިއު ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ހުށަހެޅި ހުކުމް ތަންފީޒުކުރުމުގެ މިގަޒިއްޔާގެ ދައުވާފޯމް ބާތިލު ކުރަންޖެހެއެވެ،" މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވެ އެވެ.
ވަކީލުން ހާޒިރު ނުވެގެން ޕީއެސްއެމްއަށް ލިބެން ޖެހޭ ފައިސާތަކެއްގެ މައްސަލަ ބޭރުކޮށްލާފައިވާއިރު، ހައި ކޯޓުގައި ކުރިއަށްދާ އެ ކުންފުނީގެ މައްސަލައެއްގައި ފަނޑިޔާރުން ވަނީ ޕީއެސްއެމްގެ ވަކީލުންނަށް ފާޑުކިޔާފަ އެވެ. އެއީ އާޓިސަން ކިޔާ ކުންފުންޏަކަށް ދައްކަން ޖެހޭ 4.5 މިލިއަން ރުފިޔާއާ ގުޅޭ މައްސަލަ އެވެ.
އެ މައްސަލައިގައި ބޭއްވި އަޑުއެހުމެއްގައި ޕީއެސްއެމްގެ ވަކީލަށް ފަނޑިޔާރެއްގެ ފާޑުކިޔުން އަމާޒުވީ ލިޔެކިޔުން މަދުކޮށް އައިސް، މައްސަލަ ނިންމަން އެދުމުންނެވެ.
މި ދެ މައްސަލައިގައި ޕީއެސްއެމް ތަމްސީލުކުރަން ކޯޓަށް ދިޔައީ އެއް ވަކީލެއް ކަމެއް ކަށަވަރެއް ނޫނެވެ. ސަރުކާރު ބައެއް ކުންފުނިތަކުގައި ލީގަލް ޑިޕާޓުމަންޓުތައް އޮންނައިރު، އަނެއް ބައި ކުންފުނިތަކުގެ ފަރާތުން ވަކާލާތުކުރަނީ ލޯ ފާމުތަކާ ހަވާލުކޮށްގެންނެވެ.
ޕީއެސްއެމްއިން ދައްކަން ޖެހޭ ފައިސާތަކާއި ލިިބެން ޖެހޭ ފައިސާތަކުގެ ގިނަ މައްސަލަތަކެއް ކޯޓުތަކުގައި ހިނގަމުން އެބަދެ އެވެ. ގިނަ .މައްސަލަތަކަކީ އުސޫލުން ބޭރުން ހަވާލުކޮށްފައި ހުރި މައްސަލަތަކާ ގުޅިގެން ކޯޓަށް ހުށަހެޅިފައި ހުރި މައްސަލަތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ