ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިއަދު ގައުމީ ފުޓްބޯޅަ ޓީމުން ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން ވަރަށް މުހިންމު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި، އިބްރާހިމް އައިސަމް ބުނެފި އެވެ.
ރާއްޖޭން ސިންގަޕޫރާ ދެކޮޅަށް މިއަދު އެ ގައުމުގައި ކުޅޭ މެޗަކީ، މި ދެ ޓީމުން ވެސް މި މަހު 10 ވަނަ ދުވަހު އޮތް އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރުވުމަށް ކުޅޭ މެޗުތަކެކެވެ. އެ ގޮތުން، ސިންގަޕޫރުން ރަށުންބޭރުގައި ބަންގްލަދޭޝާ ކުޅޭއިރު، ރާއްޖޭން ކުޅޭނީ އޮސްޓްރޭލިއާގައި ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ.
ސިންގަޕޫރު މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު އަލީ ސުޒޭން ވެސް ވަނީ މައިގަނޑު ފޯކަސް އަކީ ޓިމޯ ލެސްޓޭ މެޗަށް ރަނގަޅަށް ތައްޔާރުވުން ކަމަށް ބުނެފަ އެވެ. އައިސަމް ވެސް ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދިންއިރު، އެ ވާހަކަ ތަކުރާރުކޮށްފަ އެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އައިސަމް ވާހަކަ ދައްކަނީ.
"ކޯޗު ބުނިހެން މިއީ އަހަރެެމެންނަށް ވަރަށް މުހިންމު މެޗެއް. ސިންގަޕޫރު މެޗު އަހަރެމެން އެބަޖެހޭ ވަރަށް ސީރިއަސްކޮށް ނަގަން. އަސްލު އެންމެ މުހިންމު މެޗަކީ ޓިމޯ (ލެސްޓޭ) މެޗު. އަހަރެމެންނަށް ވީ އެންމެ ރަނގަޅަށް މަސައްކަތް ކުރާނަން (ސިންގަޕޫރު މެޗުން) މޮޅުވާން،" އައިސަމް ބުންޏެވެ.
ސިންގަޕޫރު ޓީމާ މެދު ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން އައިސަމް ބުނީ، އެއީ ދަށް ޓީމެކޭ ނުބުނެވޭ ކަމަށާއި ރާއްޖޭން ރަނގަޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ސިންގަޕޫރަކީ ވެސް ރަނގަޅު ޓީމެއް. ކޯޗު ބުނި ގޮތަށް، އަހަރެމެންނަށް އެންމެ ފަހުން މިދިޔަ އަހަރުތަކުގައި ކުޅުނު އިންޓަނޭޝަނަލް މެޗުތަކުގައި އެންމެ ރަނގަޅަކަށް ކުޅެވިފައިނެތް. އަހަރެމެންނަށް ވަރަށް މުހިންމު ސިންގަޕޫރު އަތުން މޮޅުވުން، ޓިމޯ ލެސްޓޭއާ އެކު ކަންކަން ރަނގަޅުކުރަން،" އައިސަމް ބުންޏެވެ.
މީގެ ކުރިން ދިން އިންޓަވިއުއެއްގައި، އައިސަމް ވަނީ، ގައުމީ ސްކޮޑަށް އަލަށް ގުޅުނު ކުޅުންތެރިންނާ އެކު، ސްކޮޑު އިތުރަށް ވަރުގަދަވެފައިވާ ކަމަށް އައިސަމް ވަނީ ބުނެފަ އެވެ. އެގޮތުން ޑިފެންސްލައިން، މެދުތެރެ އަދި ފޯވާޑްލައިންވެސް އިތުރަށް ވަރުގަދަވެފައިވާ ކަން ފާހަގަކޮށްފަ އެވެ. އަދި، ރާއްޖޭގެ ލީގު ފުޓްބޯޅަ އާއި މުބާރާތްތައް ގަވާއިދުން ކުޅޭނަމަ، ރާއްޖޭގެ ގައުމީ ޓީމު ވެސް ރަނގަޅުވާނެކަން އައިސަމް ފާހަގަކުރި އެވެ.
އަނިޔާގެ ސަބަބުން، މިދިޔަ އަހަރު ބަންގްލަދޭޝާ ދެކޮޅަށް ރާއްޖޭން ކުޅުނު އެކުވެރިކަމުގެ ދެ މެޗު އައިސަމް އަށް ގެއްލުނު ނަމަވެސް، މާޗް މަހު، އިންޑިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗާއި، ކޮލިފައިންގައި ފިލިޕީންސާ ބައްދަލުކުރި މެޗުގައި އައިސަމް ވަނީ ކުޅެފަ އެވެ.
ރާއްޖޭން މިހާތަނަށް ސީނިއާ ފުޓްބޯޅައިގައި ސިންގަޕޫރާ ދެކޮޅަށް ކުޅުނު ހުރިހާ މެޗަކުން ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން، 2022 ވަނަ އަހަރު 3-1 އިން ބަލިވިއިރު، ޓީމުގައި އައިސަމް ވެސް ހިމެނެ އެވެ. ރާއްޖޭން މީގެ ކުރިން، 1991 ވަނަ އަހަރު އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓްގެ ކޮލިފައިންގައި ސިންގަޕޫރާ 1-1 އިން އެއްވަރުކުރިއިރު، ޓީމުގައި މިހާރުުގެ ކޯޗު، އަލީ ސުޒޭން ހިމެނެ އެވެ.
ސިންގަޕޫރު އަތުން މޮޅުވުން ވަރަށް މުހިންމު: އައިސަމް ސިންގަޕޫރު އަތުން މޮޅުވުން ވަރަށް މުހިންމު: އައިސަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ