ޤައުމުގައި ޢަދުލު އިންސާފު ޤާއިމްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވާންޖެހޭ ހަމައެކަނި ފަރާތަކީ ދިވެހި ރައްޔިތުންނަށްކަމަށާއި މިއަދުގެ ސަރުކާރަކީ ޢަދުލު އިންސާފު ޤާއިމްކުރާނޭ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުޑަ ވަގުތުކޮޅެއް ކުރީން ދެއްވި ބަސްދީގަތުމެއްގައެވެ.
މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާތަކަށް އިޝާރާތްކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންގެ ހަޤީޤީ ކަންބޮޑުވުންތަކެއް ހުރިކަމަށާއި އެކަންކަން އަޑުއައްސަވައި، ޙައްލު ހޯއްދަވައިދެއްވައި، ރޫލް އޮފް ލޯ ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނޭކަމަށެވެ. އަދި، ހުރިހާ ހާލަތެއްގައިވެސް ޢަދުލު އިންސާފު ޤާޢިމްކުރައްވާނޭކަމަށާއި، ވަކި ފަރާތަކަށް ހިމާޔަތް ދިނުމަކީ މިސަރުކާރުން ކުރާނޭ ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު ޤައުމުގައި އުފެދިފައިވާ ސުވާލުތަކަކީ ޖަވާބުލިބެންޖެހޭ ސުވާލުތަކެއްކަމަށް ޤަބޫލުކުރައްވާކަމަށާއި، އެސުވާލުތަކަށް ޖަވާބު ހޯދުމަށް މިހާރު އެކުލަވާލައްވާފައިވާ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަހުގީގުން އެސުވާލުތަކަށް ޖަވާބުލިބި، އަޅަންޖެހޭ ތަންފީޒީ ފިޔަވަޅުތައް އަޅުއްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ދިވެހި ރައްޔިތުންނާއި މުޚާތަބުކުރައްވާ އެމަނިކުފާނު ވެވަޑައިގަތް ޢަދުލު އިންސާފުގެ ވަޢުދު ތަކުރާރުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނަކީ ރައްޔިތުންގެ ޚާދިމެއްކަމަށާއި، ޢަދުލު އިންސާފު ޤާއިމްޤާއިމްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވާންޖެހޭ ހަމައެކަނި ފަރާތަކީ ދިވެހި ރައްޔިތުންނަށްކަމަށެވެ. އަދި، އެމަނިކުފާނުގެ އެންމެ އިސް ޒިންމާއަކީ، ޤައުމުގައި ޢަދުލު އިންސާފު ޤާއިމްކުރުންކަމަށާއި، އެކަމުގައި ވަކި ފަރާތެއް އިސްތިސްނާވެގެން ނުވާކަމުގައިވެސް ވިދާޅުވިއެވެ.
އަދި، ޤައުމުގެ ޙައްޤުގައި އަޅުއްވަންޖެހިވަޑައިގެންނެވި ފިޔަވަޅުތައް މިހާރުވެސް ވާނީ އަޅުއްވާފައިކަމަށާއި، އެފިޔަވަޅުތަކަކީ ޤައުމުގެ ސަލާމަތާއި، އަމާންކަމާއި، ތަރައްޤީއަށްޓަކައި އަޅުއްވާފައިވާ ފިޔަވަޅުތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިފަދަ ފިޔަވަޅުތައް އަޅުއްވާފައިވަނީ، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާލަތުގައިވެސް އެފަދަ ފިޔަވަޅުތައް އަޅުއްވާނޭ ކަމަށެވެ
ޤައުމުގައި ޢަދުލު އިންސާފު ޤާއިމްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވާންޖެހޭ ހަމައެކަނި ފަރާތަކީ ދިވެހި ރައްޔިތުންނަށްކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ