ސުޕްރީމް ކޯޓުގެ ހުކުމަކީ ހިމޭން ބަޣާވާތެއް: އިންތި

ޕްރައިމަރީގައި ބަލިވިޔަސް އިންތިހާބުގައި ވާދަ ކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ނެރުނު ހުކުމަކީ ހިމޭން ބަޣާވާތެއްގެ ގޮތަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ސިފަ ކުރައްވައިފި އެވެ.
މަޖިލީހުގެ ޖަލްސާގައި މިއަދު ދެއްކި ވާހަކައިގައި އިންތި ވިދާޅުވީ، އިންތިހާބު ބޯމަތިވެފައިވަނިކޮށް އިންތިހާބުގެ އުސޫލަށް ކުއްލި ބަދަލު ގެނައުމަކީ އެމްޑީޕީއިން ބަލައި ގަންނާނެ ކަމެއް ނޫންކަމަށެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ އިންތިހާބެއް ބޯމަތިވެފައިވަނިކޮށް އިންތިހާބެއް ކައިރިވެފައިވަނިކޮށް އިންތިހާބެއްގެ މެދު ތެރެއިން ކަންކަމަށް އެއްގޮތް މިގޮތް ހަދަން އުޅުން، ވާނުވާއެއް ނޭނގެ،" އިންތި ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީއިން ބޮޑު ޕްރައިމަރީއެއް ބޭއްވައި ކެންޑިޑޭޓުން ހޮވައި ކެމްޕެއިންއަށް ތައްޔާރުވުމުން ސުޕްރީމް ކޯޓުން އިސާހިތަކު ގާނޫނުގެ މާއްދާ އުވާލުމަކީ އެއްގޮތަކަށް ވެސް އެއްބާރުލުންދެވޭނެ ކަމެއް ނޫންކަމަށް އިންތި ވިދާޅުވިއެވެ. "ޕްރައިމަރީއިން ބަލި މީހުން ވާދަ ކުރެވޭނެ ގޮތް ހެދީ އަޅުގަނޑުމެން ގަޑުބަޑުކުރަން، އެ ނިޔަތުގަ ކުރި ކަމެއް، މި ހުރިހާ ދުވަހު ހަމަ އެ ގާނޫނު އެއްގޮތަށް ބާއްވައިގެން ރައީސް ޔާމީނަށް ވާގިވެރިވުމަށް އޮންނަވާފަ މިއަދު ހަމަ އަޅުގަނޑުމެން ވާދަވެރި އިންތިހާބެއް ބާއްވާ ނިންމާލީމަ އަޅުގަނޑުމެން ޕާޓީއަށް އަމާޒުކޮށް، ގެއްލުން ދިނުމަށް އެހެން ޕާޓީތަކަށް ވާގިވެރިވުމަށް ހިންގި ޖަރީމާއެއް، ހިމޭން ބަޣާވާތެއް އެކުރީ،" އޭނާ ވިދާޅުވިއެވެ.
އިންތި ވިދާޅުވީ އެކަންތައްތަކަށް ހޭލުންތެރިވާންވީ ރައްޔިތުން ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދައިދިނުމަށް ވައުދުތަކެއް ހިފައިގެން ނުކުތީ ހަމައެކަނި އެމްޑީޕީއިން ކަމަށްވެސް އިންތި ވިދާޅުވިއެވެ.
އިންތި މިހެން ވިދާޅުވިއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ސްޕްރީމް ކޯޓުގެ ހުކުމަށް ފާޑުވިދާޅުވެ ޓްވީޓް ކުރައއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ