ކަރަންޓު ކޭބަލް ވިއުގައިގެ މައްޗަށް ކެމްޕެއިން ޕޯސްޓަރުތައް ޖެހުން ނުހުއްޓޭތީ ސްޓެލްކޯގެ ކަންބޮޑުވުން!

މާލެ، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމަށް ޤާއިމްކޮށްފައިވާ ގްރޭޓަމާލެ އިންޓަކަނެކްޝަން ގްރިޑްގައި ހިމެނޭ ކޭބަލް ވިއުގައިގެ މައްޗަށް ދަގަނޑު ޖަހައި އިސްތިހާރު ބޯޑުތައް އަދިވެސް ބަހައްޓަމުން ގެންދާތީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މާލެ، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ކެމްޕެއިން ބެނާތަކާއި ޕޯސްޓަރު ހަރު ކުރުމަށް ދަގަނޑު ޖަހާ މައްސަލަ ބޮޑުވެ ސްޓެލްކޯގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މާލެ ސިޓީ ކައުންސިލުން ވެސް ބަޔާން ނެރުނެވެ. ކަރަންޓު ކޭބަލްތަކުގެ ވިއުގައިގެ މަތީގައި ބައެއް ބޯޑުތައް މިހާރު ވެސް ޖަހާފައިވާކަން ފާހަގަކުރެވިފައި ވާތީ ފަހުމީ ވިދާޅުވީ މިއީ އެ ކުންފުނީގެ ބޮޑު ކަންބޮޑުވުމެއްކަމަށާއި، ދަގަނޑު ޖެހުމުގެ ސަބަބުން ގެއްލުމެއް ލިބޭ ހާލަތެއްގައި މަރާމާތަށް ވަގުތު ނަގާނެ ކަމަށެވެ.
ފަހުމީ ވިދާޅުވީ ކަރަންޓު ކޭބަލްތަކަށް ބައެއް ގެއްލުންތައް ލިބި، ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ދަތިވެފައިވާ ކަމަށެވެ. އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަ ކަމާއި ބެހޭ ފަރާތްތަކުން ދޭއިރު، ކޭބަލް ވިއުގަ ރައްކާތެރިކޮށް ބޭއްވުމަށް މަސައްކަތްކޮށްދޭން ވެސް ފަހުމީ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
އިސްތިހާރު ބޯޑު ޖެހުމުގައި ސަމާލުވާން ޖެހެނީ، ފަހުމީ ވިދާޅުވި ގޮތުގައި ދަގަނޑު ޖަހާ ވަގޮތު ކަރަންޓު ކޭބަލަށް ގެއްލުން ވެ އެކަމުގައި ހަރަކާތްތެރިވާ މީހެއްގެ ފުރާނައަށް ވެސް ނުރައްކާވެދާނެތީ އެވެ. ފަހުމީ ވިދާޅުވީ އެ ކުންފުނިން ތަކުރާރުކޮށް، އާންމުންގެ ސަމާލުކަމަށް މިކަން ގެނައި ނަމަވެސް އަދިވެސް ބަދަލެއް ނުފެންނަ ކަމަށެވެ.
މާލެ، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމަށް ޤާއިމްކޮށްފައިވާ ގްރޭޓަރމާލެ އިންޓަކަނެކްޝަން ގްރިޑްގައި ހިމެނޭ ކޭބަލް ވިއުގައިގެ މައްޗަށް ދަގަނޑު ޖަހައި އިސްތިހާރު ބޯޑުތައް އަދިވެސް ބަހައްޓަމުން ގެންދިއުމާއި މިވަގުތު ޖަހާފައިވާ ބޯޑުތައްވެސް އެ ކޭބަލް ވިއުގައިގެ…
— Hussain Fahmy (@u09HussainFahmy) March 28, 2024
މި މައްސަލައިގައި ސްޓެލްކޯއިން ބަޔާނެއް އާންމުކޮށް ބުނެފައި ވަނީ މި މައުލޫމާތުތައް ކަމާއި ބެހޭ ފަރާތްތަކާއި ވެސް ހިއްސާކޮށްފައިވާކަމަށާއި، މިކަންކަން ރެގިއުލޭޓްކޮށް ބަލަހައްޓާ ފަރާތްތަކާއި، މަގު ކޮނެ، އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަ ދޭ ފަރާތްތަކުން އިތުރަށް ޒިންމާދާރުވެ، އިތުރަށް ސަމާލުކަން ދޭން އެދޭ ކަމަށެވެ. އަދި ކަރަންޓުގެ ހިދުމަތަށް ބުރޫ ނާރާނެހެން ފިޔަވަޅު އެޅުމަށް ވެސް އެދޭކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ. ދައުލަތުން ހަރަދުކޮށް، ހަތް ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް އަޅާފައިވާ މި ވިއުގައަކީ 200 މެގަވޮޓާއި ހަމައަށް ކަރަންޓު އެއް ސަބްސްޓޭޝަނުން އަނެއް ސަބްސްޓޭޝަނަށް ގެންދިއުމުގެ ގާބިލުކަން ހުރި ވިއުގައެއްކަމަށް ކުންފުނިން ވަނީ ބުނެފަ އެވެ.
ސްޓެލްކޯއިން ބުނެފައި ވަނީ ކޭބަލްތަކުގެ މައްޗަށް ދަނގަޑުޖަހައި ގެއްލުންވާ ގޮތަށް އަމަލު ކުރުމުން ކަރަންޓުގެ ހިދުމަތައް ބުރޫ އަރައިފިނަމަ އެކަމުގެ ޒިންމާވާ ބަޔަކަށް ދައުވާކޮށް،  ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަން ޖެހޭ މަސައްކަތެއް ކުރަމުންގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ