އޭޝިއާ މީޑިއާ ސަމިޓު ކާމިޔާބުކަމާއެކު ނިންމާލައިފި

ރާއްޖޭގައި ބޭއްވި 21 ވަނަ އޭޝިއާ މީޑިއާ ސަމިޓު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
"މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ސަމިޓުގެ ޕްލިނަރީ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ، މިމަހުގެ 11އިން 13އަށް ވިލާ ނޯޓިކާގައެވެ.
އޭޝިއާ މީޑިއާ ސަމިޓަކީ، އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން އިންތިޒާމު ކުރި ސަމިޓެކެވެ. މި ސަމިޓުގައި މުޅި ޖުމްލަ 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 80 އިންސައްތައަކީ ރާއްޖޭން ބޭރުގެ އެކި ޤައުމުތަކުން ވަޑައިގެންނެވި ބޭފުޅުންނެވެ. ސަމިޓުގެ ތެރެއިން މައިގަނޑު 8 ޕްލިނަރީ ސެޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، އޭގެ ތެރޭގައި ޕަބްލިކް މީޑިއާއަށް މަގުފަހިކުރުމާއި އެކަމުގެ ސިޔާސަތުތަކާ ގުޅޭ ހައި ލެވެލް މިނިސްޓީރިއަލް ސެޝަނެއްވެސް ހިމެނެއެވެ.
ސަމިޓުގެ ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ، ކުދި ޖަޒީރާ ޤައުމުތަކުގެ މީޑިއާތަކަށް ހުރި ގޮންޖެހުންތަކާއި، ޑިޖިޓަލް މީޑިއާގެ ޒަމާނުގައި އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަމުގެ މައްޗަށެވެ. މީގެ އިތުރުން މީޑިއާގެ މުސްތަޤުބަލުގައި ޒުވާނުންގެ ދައުރާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ތެރެއިން ބްރޯޑްކާސްޓިންގ ދާއިރާގެ ތަޖުރިބާ ހިއްސާކުރުންވެސް ކުރިއަށް ދިޔައެވެ.
ޕްލިނަރީ ސެޝަންތައް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ސަމިޓުގެ އައުޓްކަމް ރިޕޯޓް ހުށަހެޅުމާއި، "މޯލްޑިވްސް 2.0 ޑިކްލަރޭޝަން" ގައި ވަޒީރުން ވަނީ ސޮއިކުރައްވާފައެވެ. އަދި 2027 ވަނަ އަހަރުގެ އޭޝިއާ މީޑިއާ ސަމިޓު ބޭއްވުމަށް ކޮރެއާއާ ރަސްމީކޮށް ހަވާލުކޮށްފައިވެއެވެ.
މި ސަމިޓުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، މީޑިއާ އެކްސެލެންސްގެ ޚާއްސަ އެވޯޑު ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްއަށް ލިބުމެވެ. ޕީއެސްއެމްއަށް މި އެވޯޑް ދީފައިވަނީ، މީޑިއާ ތަރައްޤީ ކުރުމަށާއި، ބްރޯޑްކާސްޓް ކުރުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޕީއެސްއެމްއިން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
ސަމިޓުގެ ހުރިހާ ހަރަކާތްތަކެއް ނިންމާލުމަށް ހަމަޖެހިފައިވަނީ، މާދަމާ ކުޑަގިރީގައި ބާއްވާ މުރަކަ އިންދުމުގެ ޚާއްޞަ ހަރަކާތަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ