އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރައްވަން ދެއްވި މުއްދަތު ހަމަވިއިރު ލިސްޓުގައި ސޮއި ނުކުރައްވަނީ އަމިއްލަ ގޮތުން ވާދަ ކުރައްވާ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 282،395 މީހުންނަށެވެ. މިފަހަރުގެ އިންތިޚާބުގައި އަލަށް 27،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ވޯޓާސް ލިސްޓަށް ދެން ބަދަލު ނުގެނެވޭނެކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، ލިސްޓުތަކުގައި، ރޭގެ 10:00 އާއި ހަމަޔަށް ރިޔާސީ ކެންޑިޑޭޓުން ސޮއިކޮށް ނިމިފައިވާކަމަށެވެ.
ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަޞީރު ނޫން އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ލިސްޓުގައި ސޮއިކުރިއިރު، މޯލްޑިވްސް ނޭޝަނަލް ޕާޓީ އާއި ދަ ޑިމޮކްރެޓްސް ގެ ކެންޑިޑޭޓުން ފިޔަވައި، އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ހުރިހާ ލިސްޓެއްގެ ސައްހަކަން ކަށަވަރުކޮށް، ސޮއިކޮށްފައި ވާކަމަށްވެސް ޙަބީބް ވިދާޅުވިއެވެ.
ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފެށީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހިނގާދިޔަ ކަންތައްތަކަށްފަހު އެ އަހަރު ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނެއްގެ ދަށުންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. މީގެތެރޭގައި އަމިއްލަ ގޮތުން ވާދަކުރައްވާ 3 ކެންޑިޑޭޓުން ވެސް ހިމެނިވަޑައިގަންނަވައެވެ.
ރާއްޖޭގެ ގާނޫނު އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މިއީ އެންމެ ގިނަ ކެންޑިޑޭޓުން ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރައްވާ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގެންނެވި 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ 3 ކެންޑިޑޭޓުންނެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިޚާބެވެ.
ވަގުތު ހަމަވިއިރު އުމަރު ފިޔަވާ ހުރިހާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ