ރާައްޖެއިން އިންޑިޔާ ފަސްޓް ޕޮލިސީ ދޫކޮށްލަން ޖެހޭ: އުމަރު

ރާައްޖެއިން "އިންޑިޔާ" ފަސްޓް ޕޮލިސީ ދޫކޮށްލަން ޖެހޭ ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.ސަންގު ޓީވީ އާއި ޕީއެސްއެމް ގުޅިގެން ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްގެންދާ "ސަންގު ބަހުސް"ގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ މި ސަރުކާރު އައި ފަހުން ޚާރިޖީ ސިޔާސަތުގެ ކޮންޓްރޯލް ގެއްލިއްޖެ ކަމަށެވެ. އަދި، ޗާގޯސް މައްސަލައިގައި ދިވެހި ކަނޑުން ބައެއް ގެއްލުމުގައި ވެސް އިންޑިއާގެ އަތެއް އޮތް ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.އުމަރު ނަސީރު ވިދާޅުވީ، ފާއިތުވި ތިން ސަރުކާރުގައި ވެސް ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށާއި އެއީ، މި ފަހުން ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސަތަކީ މޯލްޑިވްސް ފަސްޓް ސިޔާސަތު ކަމަށް ވިދާޅުވިއެވެ."އަޅުގަނޑުގެ ސިޔާސަތަކީ އިންޑިޔާ ފަސްޓެއް ވެސް ނޫން. ޗައިނާ ފަސްޓެއް ވެސް ނޫން. މޯލްޑިވްސް ފަސްޓް. އަޅުގަނޑުމެން މި ދެ ޤައުމާ ވެސް ގުޅުން ބާއްވާނަން. ސަބަބަކީ މި ދެ ގައުމަކީ ވެސް އިގްތިޞާދީ ގޮތުން ވަރަށް ބޮޑު ދެ އިގްތިޞާދު. އެހެންވީމަ އަޅުގަނޑެމެން އެ ދެ ގައުމާއި ވެސް އިގްތިޞާދީ ގޮތުން ގުޅުމަށް އަޅަން ބޭނުންވާ ލިންކް ތަކެއް އަޅާފައި ބާއްވާނީ.". އުމަރު ގެ ސިޔާސަތަކީ ވަކި ޤައުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.އޭގެއިތުރުން އެއްވެސް ޤައުމެއްގެ ދަށުވެއްޖެނަމަ އެ ގެއްލިގެން ދަނީ ރާއްޖޭގެ މިނިވަންކަމާއި އިޤްތިޞާދު ދާނީ ފުޑުފުޑު ވެގެން ކަމަށް އުމަރު ފާހަގަ ކުރެއްވިއެވެ.އުމަރުގެ ވެރިކަމުގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރާނޭ ގޮތަކީ ކޮބައިތޯ އުމަރާ ސުވާލުކުރުމުން ވިދާޅުވީ ޔޫރަޕުން މި ރާއްޖެ ގެނައި ކަންކަން އިސްލާމީ ޝަރީއަތަށް ފައްތަން ޖެހޭ ކަމަށާއި އެކަންކަން ހައްލުކުރަން އިސްލާމި ޝަރީއަތުގައި ހިފާނަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ