ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރިޔަސް ބިލް ބޮޑުނުވާނެ ގޮތަށް ފްލެޓް ރޭޓެއް ހަދަނީ

ކަރަންޓް ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ބިލް ބޮޑުނުވާނެ ގޮތަކަށް ފްލެޓް ރޭޓެއް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ނިންމަވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިންގައި ހުވަދޫ އެމްޑީޕީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ގޭގެއަށް ވަޑައިގަތުމުން އަންނަ އެއް ޝަކުވާއަކީ ލިބޭ އާމްދަނީން ކުއްޔާއި ކަރަންޓު ބިލްތައް ދައްކާފައި ކެއުމުގެ ކަންކަން ހަމަނުޖެހޭ ވާހަކަ ކަމަށެވެ.
އަދި ކަރަންޓު ބިލް ދެއްކުމުގައި ލުޔެއް ހޯދައި ދިނުމަށް ވަރަށް ގިނަ ރައްޔިތުން އެމަނިކުފާނު އަރިހު އެދިވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރޭޓުތައް މިހާރު ކަނޑައަޅާފައިވާ ގޮތުން ވަކި ވަރަކަށް ވުރެން ގިނައިން ބޭނުންކޮށްފިއްޔާ އަގު ބޮޑުވަމުންދާ ކަމަށެވެ. މިކަން ބަދަލުކުރަން ނިންމީ ކިތަންމެ ގިނައިން ބޭނުންކުރިޔަސް ހުރިހާ ގޭބިސީތަކެއްގެ ބިލް ބޮޑުނުވާނެ ގޮތަށް ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއަދު މި ނިންމަނީ މީހުން ދިރިއުޅޭ ކޮންމެ ގެއެއްގައި ކަރަންޓު ރޭޓް ފްލެޓް ރޭޓަކުން ނަގާ ގޮތަށް. ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރިޔަސް އެ ބޮޑުވާ ނިސްބަތް ބޮޑުވެގެން ނުދާނެ. ހަމަ އެއް ރޭޓަކުން މިއަދުން ފެށިގެން އެ ބަދަލު ގެނައީ،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ކެމްޕެއިން ޓީމުން ބުނީ އެއީ ގޭބިސީތަކުގެ ކަރަންޓު ޓެރިފް ރޭޓް އެއް ހަމަކުރުން ކަމަށެވެ.
މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް ރައީސް ސޯލިހް ގެންދަވަނީ މާލޭގެ ގޭގެއަށް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ހާލު ބައްލަވައި ޝަކުވާތައް އަޑު އައްސަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ