ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ގޯތި ދޫކުރުމަށް އުތުރު ތިލަފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 215 ހެކްޓަރުގެ ބިން ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ މީހުންނަށާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް މާލެ ސަރަހައްދުން ގޯތިދޭ ސްކީމް މިރޭ އިއުލާނުކުރާނެ ކަމަށާއި އެ މީހުންނަށް ގޯތިދޭނީ ކ. އަތޮޅު އުތުރުތިލަފަޅުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެފައިވެއެވެ. އަދި ހައުސިން މިނިސްޓްރީން މިހާރު ވަނީ އެ ސްކީމުގެ ދަށުން ގޯއްޗައް އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ އެ ފަޅުން އަލަށް ހިއްކާ 215 ހެކްޓަރުގެ ބިމުން ކަމަށެވެ.
"މި ޕްރޮގްރާމް އިއުލާންކޮށް ގެޒެޓްގައިވާ އިއުލާނުގައިވާ ގޮތުން މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓު," މިނިސްޓްރީން ބުނެފައިވެ އެވެ.
އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތައް އެޅުމަށް ހަމަޖެހިފައިވަނީވެސް ގިރާވަރު އުތުރު ފަޅު ނުވަތަ އުތުރު ތިލަފަޅުން އަލަށް ހިއްކާ ސަރަހައްދުގައި ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާލެ އަތޮޅު އުތުރު ތިލަފަޅުގައި ތަރައްގީކުރަމުން އަންނަ ސިފައިންގެ ބަނދަރާ ބެހޭ ގޮތުން އިދިކޮޅުން ދައްކާ ވާހަކަ ދޮގުކުރައްވާފައެވެ. އަދި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޭނެ އެއްތަނަކީ އެފަޅު ހިއްކައިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެތަނުގައި ދިވެހިން ދިރިއުޅޭނީ، ބޭރު މީހުންނެއް ނޫން އުޅޭނީ. މާލޭން ވިލިމާލެއަށް، ވިލިމާލޭން ގުޅިފަޅަށް، ގުޅިފަޅުން ތިލަފުށްޓަށް، ތިލަފުށިން ގިރާވަރު ފަޅަށް، ގިރާވަރުފަޅުން އުތުރުތިލަފަޅަށް، ބްރިޖުުން އެތަން ގުޅިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެއީ ދިވެހިންނަށް އުފާވެރި އަމާން ރާއްޖެއެއް ހޯދައިދޭން ކުރާ މަސައްކަތުގެ ބައެެއްކަން ފާހަގަ ކުރައްވާ ރައީސް ވަނީ ހަމަހަމަކަމާ އެކު ކޮންމެ ރައްޔިތަަކަށް ލިބެން ޖެހޭ ފުރުސަތު ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ފަށާފައިވާ "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލު ރޭ ވަނީ ގެޒެޓުކޮށްފަ އެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ގޯއްޗަށާއި ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުތު ހަމަވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފުލެޓަށް އެދި، އޮކްޓޫބަރު 24، 2023 ގެ 15:00 ގެ ނިޔަލަށް ހުށަހެޅުމަށެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް އުތުރު ތިލަފަޅުން ހިއްކަނީ 215 ހެކްޓަރުގެ ބިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ