ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް އަންނަ މާރިޗުމަހަށް ނިމޭނެ: މުބީން

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީކުރުމުގެ މަސައްކަތް އަންނަ މާރިޗުމަށް ނިންމާލެވޭނެކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އައު ރަންވޭގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާއިރު، އައު ރަންވޭ ޢީދު ބަންދަށްފަހު އެއްކޮށް ބޭނުންކުރަން ފަށާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރަނީ އޭ320 މަރުކައިގެ އެއަރކްރާފްޓް ޖެއްސޭ ފެންވަރުގެ ރަންވޭއަކާއެކުގައެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢަކީ މުޅި އުތުރުގެ ފަތުރުވެރިކަމާއި ގުޅިފައިވާ ބޮޑުތިލަދުންމަތީގެ އިޤްތިޞާދާއި ސީދާ ގުޅިފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން ރަންވޭގެ 1200 މީޓަރުގެ ސަރަޙައްދެއް ނިންމާވަނީ މިދިޔަ ޖެނުއަރީ މަހު ބޭނުންކުރަންފަށާފައެވެ. ޖުމްލަ 2465 މީޓަރުގެ ދިގު ރަންވޭގައި ބާކީ އޮތް 1200 އެއްހާ މީޓަރުގެ މަސައްކަތް އެއްކޮށް ނިމި މުޅި ރަންވޭ ބޭނުންކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވީ ރަސްމީކޮށް މުޅި އައު ރަންވޭ ބޭނުންކުރުމަށްވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރުވަމުންދާކަމަށެވެ.
"1.5 މިލިއަން ފަތުރުވެރިންނަށް ކޭޓަރ ކުރެވޭނެ ވަރުގެ ޕެސެންޖަރ ޓަރމިނަލްއެއް ތަރައްޤީކުރަމުން މިދަނީ. މިހާރު ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައިވަނީ. ޢީދު ބަންދަށްފަހު 24 ގަޑިއިރަށް މުޅި ރަންވޭ ބޭނުންކުރަން ހުޅުވާލުމުގެ މަސައްކަތް ކުރަމުން މި އަންނަނީ." މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅުވީ، މިއަހަރުގެ ނިޔަލަށް މުޅި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ނިމިގެންދާނެކަމަށެވެ. އަދި އަންނަ އަހަރުގެ މާރިޗު މަހާއި ހިސާބަށް ރަސްމީކޮށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރީޑިވެލޮޕްމަންޓް މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެކަމަށެވެ.
މުބީން ވިދާޅުވީ މި މަސައްކަތް ނިމެންވާއިރަށް ކުރަންޖެހޭ ގިނަ ކަންކަންވެސް މިހާރު އެކި އިދާރާތަކާއި ގުޅިގެން ކުރަމުން އަންނަކަމަށެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީއާއި އުތުރުގެ އެކި ރިސޯޓުތަކާއިވެސް ގުޅިގެން އުތުރުގެ ރިސޯޓުތަކަށް ދާން ބުކިންގ ހަދާ ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ނުގެނެސް ސީދާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.
"އުތުރުގައި އޮންނަ ރިސޯޓަކަށް ދާން އެދޭ ފަތުރުވެރިޔާވެސް މިޖެހެނީ ވީއައިއޭއަށް އައިސް އަނެއްކާ ސީޕްލޭނެއް ނަގައިގެން އެކޮޅަށް ދާން. މިއީ ޙަގީގަތުގައި ފަތުރުވެރިންއަތުންވެސް ސަލާމަތްކުރެވޭ ޚަރަދެއް ހަމައެއާއެކު އުތުރުގެ ފަތުރުވެރިކަން ކުރިއެރުވުމަށްވެސް އޮތް މުހިއްމު ފުރުސަތެއް." މުބީން ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ދެވަނަ ފިޔަވަހީގެ މަސައްކަތް ލަސްނުކޮށް ފެށުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ރީޖަނަލް އެއަރޕޯޓްސްއިން ފާހަގަކުރައްވައެވެ. މިއާއެކު ދެވަނަ ފިޔަވަހީގެ ދަށުން ސީ ޕްލޭން ޓަރމިނަލް ތަރައްޤީކުރެވުމާއެކު ހަނިމާދޫއިން ސީދާ ސީޕްލޭންގައި ރިސޯޓުތަކަށް ފަސޭހައިން ދެވޭނެ މަގުވެސް ފަތުރުވެރިންނަށް ފަހިވެގެންދާނެކަންވެސް އެކުންފުނިން ފާހަގަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ