މިފްކޯއަށް ދެން ގެންނާނީ ބޭރުގެ ތަޖުރިބާކާރެއް: ރައީސް

ޤައުމީ މަސް ކުންފުނި، މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ނުފޫޒުން އެއްކިބާވެފައިވާ ބޭރުގެ ތަޖުރިބާކާރެއް ހޯދަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އިޤްތިޞާދީ ސިޔާދަތު ހިމާޔަތްކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިޤްތިޞާދު ކުރިއެރުވުމަށް މަސްވެރިކަމުގެ ސިނާއަތު ހަރުދަނާކުރުން މުހިންމުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރުގައި އިޤްތިސާދީ ސިޔާދަތު އޮތް ހިސާބުގެ ސަބަބުން ސަރުކާރުގެ އެކި ކުންފުނިތައް ވަނީ ބަނގުރޫޓުވާ ހިސާބަށް ގޮސްފައިކަމަށެވެ. ގިނަ ކުންފުނިތައް ހުރީ ނަމެއްގައިކަމަށް ރައީސް ސިފަކުރެއްވިއެވެ. މި ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ތަންފީޒްކުރަން ފަށައި، އެ ޕްލޭންގެ ތެރެއިން މިއަދާއި ހަމައަށް އައިއިރު ކުންފުނިތައް އިޞްލާހުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެސްއޯއީތައް ރިފޯމް ކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ބޮޑު މަސައްކަތެއް ކުރެވެމުންދަނީ މިފްކޯގައިކަން ރައީސް ފާހަގަކުރެއްވިއެވެ. މިފްކޯ ވަކިން ހިންގާ ކުންފުންޏަކަށް ބަދަލުވުމުގެ އިތުރަށް ވަރަށް ގިނަ މަސައްކަތް ކުރެވި އަދި ކުރެވެމުންދާކަން ރައީސް ވިދާޅުވިއެވެ. އެގޮތުން މިފްކޯ ހިންގުމަށް ބޭރުގެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
"އެންމެ ބޮޑު ކަމަކަށް މިހާރު ކުރެވޭ ކަމަކީ މިފްކޯ ދެން ނަގައިކޮޅަށް ޖެހޭނީ ދުނިޔޭގެ ފެންވަރުގެ ރާއްޖެއިން ބޭރުން އެންމެ މަތީ ފެންވަރުގައި ކުންފުނިތައް ހިންގާފައި ހުރި ފެންވަރުގެ ރަނގަޅު ހިންގުންތެރި ތަޖުރިބާކާރު މީހަކު ހަޔަރކޮށްގެން ގެނެސް މިފްކޯއާއި ހަވާލުކޮށްގެންކަން. އެކަމަށްޓަކައި މިހާރު މަސައްކަތް މިކުރަނީ. ދިވެއްސަކަށް ނުކުރެވޭނެ ވާހަކައެއް ނޫން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިފްކޯ ބަނގުރޫޓުވާ ސަބަބު އެނގިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން މިފްކޯ ހިންގުމަށް ގެންނަ ތަޖުރިބާކާރު ފަރާތްވެގެންދާނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ފަރާތްތަކާއި އެއްވެސް ވަރަކަށް ގުޅިފައިނެތް ނުފޫޒުން އެއްކިބާވެފައިވާ ތަޖުރިބާހުރި ފަރާތަކަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ކުރަމުން ގެންދަވާ މަސައްކަތަކީ އެމަނިކުފާނުގެ ވަޢުދާ އެއްގޮތަށް ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުންކަމަށެވެ. އެކަމަށް މަސައްކަތްކުރެވޭކަން ފާހަގަކުރައްވާ ރައީސް ވަނީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ޚަލާސްކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.
ޤައުމީ މަސްކުންފުނި، މިފްކޯއަކީ ފައިދާއެއް ނުލިބި ގެއްލުމުގައި ހިންގަމުންދާ ކުންފުންޏެކެވެ. މިފްކޯއަކީ ސަރުކާރުގެ މަސްކުންފުނީގެ ގޮތުގައި 1993 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. އެކުންފުނީގެ ހަމައެކަނި ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް ރާއްޖޭގެ އިޤްތިޞާދަށް އޭގެ ނަފާ ހޯދައިދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ