ފެމިލީ ކޯޓްގެ އިސް ގާޒީ ސަސްޕެންޑްކޮށްފި

ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރަން، ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ. އެގޮތަށް ނިންމީ އޭނާއާ ގުޅޭ ގޮތުން ބަލަމުން އަންނަ ސުލޫކީ މައްސަލައަކާ ގުޅޭ ގޮތުންނެވެ.
ޖޭއެސްސީ އިން ހަސަން ސައީދުގެ މައްސަލަ ބަލަނީ، ފެމިލީ ކޯޓުގެ ބައްދަލުވުމެއްގައި މުވައްޒަފުންނަށް މުހާތަބުކޮށް ދެއްކި ވާހަކައެއްގައި ހައިކޯޓަށް އެންމެ ފަހުން އައްޔަން ކުރި ފަނޑިޔާރުންނަކީ އެންމެ ކޮރަޕްޓް މީހުންނަށް ކަމަށް ބުނެ އޭނާ ވާހަކަ ދައްކަވާފައިވާތީ އެވެ.
"ކޮމިޝަނުން މިގޮތަށް ނިންމީ ފެމިލީ ކޯޓުގެ އިސްގާޒީ އަލްއުސްތާޒު ހަސަން ސައީދާ ބެހޭގޮތުން ކޮމިޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ޝަކުވާއަކާ ގުޅިގެން ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 38 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަހުގީގު ކޮމިޓީން މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، އެ ކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅާ، ޤާނޫނުގައިވާގޮތުގެމަތީން ލިބިދެވެންޖެހޭ ފުރުޞަޠުތަކަށްފަހު، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެނެވެ،" ޖޭއެސްސީގެ ވެބްސައިޓްގައިވެ އެވެ.
އެ ކޮމިޝަނުން ބުނީ، ވަކި ގޮތެއް ކަނޑައަޅަންދެން އިސްގާޒީ ވަޒީފާއަށް ނުނިކުތުމަށް މިހާރު އަންގާފައިވާ ކަމަށެވެ.
ދާދިފަހުން ޖޭއެސްސީ އިން ނިންމާފައި ވަނީ ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ފެމިލީ ކޯޓަށް ބަދަލުކޮށްފަ އެވެ. އޭނާ ފެމިލީ ކޯޓްގެ އިސް ގާޒީ އަކަށް ހަމަޖައްސާ ކަމުގެ އަޑުތައް ވެސް ފެތުރުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ