އެމްޑީޕީގެ ވެރިިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމަށް ކުރި މަސައްކަތާއި މިއަދު މި ސަރުކާރުން ފަނޑިޔާރުންނާއި މެދު އަަމަލު ކުރަމުންދާ ގޮތް ތަފާތުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގައި މިވަގުތު ހުއްޓުމަކަށް އައިސްފައިވާ އެ މައްސަލައާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ފެންމަތިވެގެން އައިސްފައި ވަނީ ސަރުކާރުން ވަކާލާތު ކުރި ގޮތާއި ހިލާފަށް ސުޕްރީމް ކޯޓުން އެއީ ކުރިޔަށް ގެންދެވޭނެ މައްސަލައެއްކަމަށް ނިންމުމުން ކަމަށެވެ. ޝަމްހީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކޮށް، ބައެއް ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް ސަރުކާރުގެ ނުފޫޒުން ފެށީ މައްސަލަ އެހެން ގޮތަކަކަށް ނިމިދާނެކަމަށް ބެލެވުނު ހިސާބުންނެވެ.
ޝަމްހީދު ވިދާޅުވީ ސަރުކާރުން މައްސަލައަށް ބާރު ފޯރުވާކަމުގެ އެއް ހެއްކަކީ، މަޖިލީހުގައި ޕީއެންސީ ތަމްސީލު ކުރާ މެމްބަރަކު ސުޕްރީމް ކޯޓުގެ ބެންޗު ކުޑަ ކުރުމަށް ބިލެއް ހުށަހަޅައި ދެ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި އެ ފާސްކުރުމެވެ. އަދި އެ ބިލު ހުށަހަޅާފައި ވަނީ ވެސް ސުޕްރީމް ކޯޓުގައި މައްސަލައިގެ ދެވަނަ އަޑުއެހުން ތާވަލުކޮށްފައި ވަނިކޮށްކަން ފާހަގަކޮށް ޝަމްހީދު ވިދާޅުވީ ދެ ފަނޑިޔާރަކު ވަކި ކުރުމަށް ނިންމައި ފާސްކުރީ ސުޕްރީމް ކޯޓުގައި މައްސަލައިގެ ގޮތެއް ނިންމުމަށް އަޑުއެހުން ފެށުމަށް ކުޑަތަންވެފައި ވަނިކޮށް ކަމަށެވެ.
މަޖިލީހުން ބިލު ފާސްކުރިތާ މާ ގިނައިރުތަކެއް ނުވެ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއް ސަސްޕެންޑު ކުރުމަކީ އެއީ އިއްތިފާގެއްކަމަށް ބެލުމުގެ އެއްވެސް ފުރުސަތެއް ނެތްކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ މުޅި މައްސަލައިގެ ޓައިމްލައިނުން ވެސް ފެންނަން އޮތީ ސަރުކާރުން ފޯރުވާފައިވާ ނުފޫޒު ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަށް ފަހު، 2018 ގައި ވެރިކަމަށް އައިސް އެމްޑީޕީ ސުޕްރީމް ކޯޓުގެ މުޅި ބެންޗު އެއްކޮށް ބަދަލުކޮށް ފަނޑިޔާރުންނަށް ބޮޑެތި ތުހުމަތުތައްކޮށް ސުލޫކީ މައްސަލަތައް ބަލާފައިވާކަން ޕްރެޒެންޓަރ ފާހަގަކުރުމުން ޝަމްހީދު ވިދާޅުވީ އޭރުގެ ހާލަތާއި މިހާރުގެ ހާލަތު ވަރަށް ތަފާތުކަމަށެވެ. ޝަމްހީދު ވިދާޅުވީ މައްސަލައަކީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އައުމުން އެކަމަށް ބަލައި ފިޔަވަޅު އެޅުން ނޫންކަމަށާއި މައްސަލައަކީ ސުޕްރީމް ކޯޓުގައި ސަރުކާރާއި ގުޅުން އޮތް މައްސަލައެއް ހިނގަމުން ދަނިކޮށް އެއަށް ބާރުފޯރުވުންކަމަށެވެ.
ޝަމްހީދު ވިދާޅުވީ މި ސަރުކާރުން ދަނީ ޖޭއެސްސީއާއި އެންޓި ކޮރަޕްޝަން ކޮމިޝަން ބޭނުންކޮށްގެން ފަނޑިޔާރުންނަށް ބިރު ދައްކަމުންކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ސަރުކާރުގައި ފަނޑިޔާރުންގެ ބެންޗު ބަދަލު ކުރި ގޮތާއި މި ސަރުކާރުން އަމަލު ކުރަމުންދާ ގޮތް ތަފާތުކަމަށް ތަކުރާރު ކުރައްވައި ޝަމްހީދު ވިދާޅުވީ މި ސަރުކާރުން ދަނީ ޖުޑިޝަރީގެ ތެރެއަށް ބާރު ފޯރުވަމުންކަމަށެވެ.
އެމްޑީޕީގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ދެކޮޅަށް ފާޅުގައި ނިކުމެ، ފަނޑިޔާރުންނަށް ވަރަށް ބޮޑެތި ތުހުމަތުތައްކޮށްފައި ވެއެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ޖޭއެސްސީއަށް ހުށަހެޅުމަށް ވެސް މިދިޔަ ދައުރުގައި ފާސްކުރިއެވެ.
މީގެއިތުރުން ސުޕްރީމް ކޯޓަށް ލިބޭ ބާރުތަކުން ބޭރުވެ ރައްޔިތުންގެ މަޖިލީހަށް އަރައިގަންނަކަމަށް ބުނެ އިންޒާރު ދިނުމަށް ވެސް ހުށަހެޅިއެވެ.
މަޖިލީހުގައި ކުރ ބަހުސްތަކުގައި މެމްބަރުން ވަނީ ސުޕްރީމް ކޯޓަކީ ސިޔާސީ ޖަގަހައެއްކަމަށް ސިފަކޮށް، ކޯޓުގައި އޭރު ތިއްބެވި ފަސް ފަނޑިޔާރުން ވަކި ކުރުމަށް ވެސް ގޮވާލާފައެވެ.
އެމްޑީޕީން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރި ހާލަތާއި މިހާރުގެ ހާލަތު ތަފާތު، މިހާރު އޮތީ ނުފޫޒެއް: ޝަމްހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ