ކުޑަހުވަދޫގެ ރައްޔިތުން ތަހައްމަލުކުރަމުން އައި އެތައް ދަތިތަކަކަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހައްލު ހޯއްދަވައިދެއްވާފައިވާކަމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސައިން ހަމީދް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ކުޑަހުވަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަކަދައްކަވަމުން މެމްބަރު ހުސައިން ވިދާޅުވީ، އެތައް ޒަމާނެއްގެ މަތިން ވެރިކަމަށް އައި ފަރާތްތަކުން ބިނާކުރުމަށްޓަކައި ވައުދުވަމުން އައި ހޮސްޕިޓަލެއްގެ ބިންގާ އެޅިފައިވާކަމަށެވެ. އެހެންކަމުން މިއީ ރަށުގެ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެހިގެންދިޔަ ދުވަހެއްކަމަށާއި ކުޑަހުވަދޫގެ ރައްޔިތުންގެ ނަމުގައި ރައީސް ޑރ މުއިއްޒުއަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށެވެ.
މެމްބަރު ވިދާޅުވީ، އެތައް އުވާވެރި ޕްރޮޖެކްޓުތަކެއް ފަހިވެފައިވާކަމަށާއި އޭގެ ތެރޭގައި ބަނދަރުގެ އިތުރުން ކޮމާޝަލް ހާބަރު ހިމެނޭކަމަށެވެ. އަދި ޒުވާނުންނަށް ފަހިވެފައިވާ ފުރުސަތުތަކުގެ ވާހަކައަކީ ފާހަގަނުކޮށް ދޫކޮށްލަންޖެހޭ ފަދަ ވާހަކަތަކެއް ނޫންކަމަށް ހިއްސާކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، ރައީސް ޑރ މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމުގައި އެމަނިކުފާނާއިއެކު ކެބިނެޓުން ރެޔާއި ދުވާލު މަސައްކަތްކުރަމުންދާކަމަށެވެ.
ހުސައިން ވިދާޅުވީ، ގައުމަށް ދިމާވި މާލީ އަދި އިގްތިސާދީ ދަތިތަކުގެ ތެރޭގައި ކެތްތެރިކަމާއިއެކު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުން ދެވަނަ އަހަރަކަށް އަލިވިލުނުއިރު ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމުގެ އަމަލީ މަސައްކަތްތައް ފެށިފައިވާކަމަށެވެ. އަދި ވޭތުވެދިޔަ އަހަރަކީ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި އާންމު ސިކުނޑިތަކަށް ވިސްނާލަންވެސް ނޭނގޭފަދަ ބުރަ މަސައްކަތްތަކެއް ރައީސް ކޮށްދެއްވި އަހަރެއްކަމަށް ވިދާޅުވިއެވެ. މެމެބަރު ވިދާޅުވީ، އެ އުނދަގޫ ދުވަސްތައް މާޒީއަށް ދޫކޮށްލެވިފައިވާކަމަށާއި އެހެންކަމުން އުންމީދަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ އެއްވެސް ވައުދެއް ނުވަތަ ދެއްވަން ވިދާޅުވި އެއްޗެއް އެއްވެސް އުނިއިތުރުކުުރުމެއް ނެތި ދެއްވުންކަމަށެވެ.
މެމްބަރު ވިދާޅުވީ، ދިވެހި ޒުވާން ޖީލުތަކުގެ ހައްގުގައި އަޅުއްވާފައިވާ ފިޔަވަޅުތަކަކީ އެމަނިކުފާނަށްޓަކައި ފަހުރުވެރިވާ ފިޔަވަޅުތަކެއްކަމަށާއި ވޭޕު މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި ގެންގުޅުއްވާ ސިޔާސަތުތަކަކީ އުފަލާއިއެކު ބަލައިގަންނަ ސިޔާސަތުތަކެއް ކަމަށެވެ. އަދި ބޭރު ފައިސާގެ ދަތިކަމަކީ ކޮންމެ ރައްޔިތަކަށްވެސް ތަހައްމަލުކުރަންޖެހިފައިވާ ހިތި ތަޖުރިބާއެއްކަމަށާއި ނަމަވެސް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ބޭރު ފައިސާގެ ދަތިކަން ކުޑަވާން ފަށާފައިވާކަމުގެ އިހުސާސް ކޮންމެ ރައްޔިތަކަށްވެސް ކުރެވެމުންދާކަމަށެވެ.
ހުސައިން ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ތަހައްމަލުކުރަމުން އައި އެތައް ދަތިތަކަކަށް ރައީސްވަނީ ހައްލު ހޯއްދަވައިދެއްވާފައިކަމަށެވެ. އެގޮތުން ރަށުގައި ތިބެގެން އައިޑީކާޑު ހެއްދޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށާއި ޕާސްޕޯޓުވެސް އެގޮތުގެ މަތިން ހެއްދުމުގެ ފުރުސަތު ހުޅުވިފައިވާކަމަށް ވިދާޅުވިއެވެ.
މަދު ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުން އެތައް ދަތިތަކެއް ހައްލުކޮށްފި: މެމްބަރު ހުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ