ރައީސް ޔާމީން ފެކްޝަނުގެ ކައުންސިލް ނިންމުންތައް ބާތިލުކޮށްދޭން މައުމޫނު އެދިވަޑައިގެންފި

ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ބެއްލެވުމުގެ ދަށުން ކައުންސިލް ބައްދަލުވުން ބާއްވައި ނިންމަވާފައިވާ ނިންމުންތަކަކީ ބާތިލު ނިންމެވުންތަކެއް ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ފަރާތުން ހައިކޯޓުގައި އެދިއްޖެ އެވެ. ރައީސް ޔާމީނާ ޕީޕީއެމް ހިންގުމުގެ ކަންކަން ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް ޕީޕީއެމްގެ އާންމު މެމްބަރެއްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކުރިއަށް ގެންދާ މައްސަލައިގެ މިއަދު މެންދުރުފަހު ބޭއްވި އަޑުއެހުމުގައި ރައީސް މައުމޫނުގެ ފަރާތުން ވަނީ ވަގުތީ އަމުރަކަށް އެދިފައެވެ. 20 އޮކްޓޯބަރު 2016: ޕީޕީއެމް މައްސަލާގެ އިސްތިއުނާފް އަޑުއެހުން ނިންމާލުމަށް ފަހު ދައުވާ ލިބޭ ފަރާތްތަކުން ހައިކޯޓުން ނިކުމެވަޑައި ގަންނަވަނީ---ސަން ފޮޓޯ-- މުހައްމަދު އަފްރާހް ވަގުތީ އަމުރަކަށް އެދުނީ ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށާއި ރައީސް ޔާމީންގެ ރިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުންތައް ބާތިލުކޮށްދިނުމަށް އެދި އެވެ. މައްސަލާގައި ޕީޕީއެމްގެ ފަރާތުން ތަދައްހުލުވެ ވަކާލާތުކޮށްފައިވަނީ ރައީސް ޔާމީން ފެކްޝަނުގެ ސެކެޓްރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލްގެ ފަރާތުން ވަކީލު ހުސައިން ސިރާޖެވެ. 20 އޮކްޓޯބަރ 2016: ޕީޕީއެމް މައްސަލާގެ އިސްތިއުނާފް އަޑުއެހުން ނިންމާލުމަށް ފަހު ޕީޕީއެމްގެ ފަރާތުން ހާޒިރު ޑރ ހަލީލް ހައިކޯޓުން ނިކުމެވަޑައި ގަންނަވަނީ---ސަން ފޮޓޯ-- މުހައްމަދު އަފްރާހް އޭނާ ވިދާޅުވީ، ސިވިލް ކޯޓުން ހުކުމްކޮށް މައްސަލަ ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ. އަދި އެގޮތަށް މައްސަލަ ނިންމުމުން ޕާޓީ ހުއްޓިފައި އޮތްއޮތުމަށް ބަދަލުއައިސް މިހާރު ޕާޓީގެ ކަންކަން ކުރިއަށްދާ ކަމަށެވެ. އެހެންކަމުން އެ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ކަނޑައަޅުއްވައި ދެއްވައި މައްސަލަ ނިންމަވާ ދެއްވުމަށް ސިރާޖު އެދިލެއްވި އެވެ. ޕީޕީއެމްގެ މުސްތަޝާރާ ޕާޓީގެ ހިންގުން ހަވާލުކޮށް ހުކުމުގައި ހިމަނާފައިވާ ބައިވެސް ރަނގަޅުކަމަށް ސިރާޖު ވިދާޅުވި އެވެ. އެގޮތަށް ނިންމެވީ ޕާޓީގެ ނައިބުރައީސް ކަމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ މަގާމުން ވަކިކުރެއްވީ ކަމަށް ޕާޓީގެ ރައީސް އިއުލާނު ކުރެއްވުމުން ދެން އެންމެ އިސްބޭފުޅަކާ އެ މަގާމު ހަވާލުކުރައްވަން ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ޕީޕީއެމްގެ ފަރާތުން ސިރާޖު ވަނީ ވިދާޅުވެފައެވެ. 20 އޮކްޓޯބަރ 2016: ޕީޕީއެމް މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ނިންމާލުމަށް ފަހު ޕީޕީއެމްގެ ވަކީލު ހައިކޯޓުން ނިކުމެވަޑައި ގަންނަވަނީ---ސަން ފޮޓޯ-- މުހައްމަދު އަފްރާހް ނައިބު ރައީސް މަގާމުން ވަކިކުރެއްވީ ކަމަށް ކަނޑައަޅާފައިވާ ދަނޑިވަޅެއްގައި ހިންގުން ނައިބުރައީސާ ހަވާލުކޮށްގެން އާންމުންގެ ހިއްތަކުގައި ސުވާލުތަކެއް އުފެދޭނެ ކަމަށްވެސް ޕީޕީއެމުން ވަނީ ބުނެފައެވެ. ޕީޕީއެމްގެ ފަރާތުން ސިވިލް ކޯޓުގައި ވަކާލާތު ކުރެއްވީ ވަކީލު އުމަރު ޒާހިރެވެ. މިއަދު ޝަރީއަތުގެ މަޖިލީހުގައި އުމަރު ހާޒިރުވެ އިންނެވި ނަމަވެސް އޭނާ ވަކާލާތުކޮށްފައެއް ނުވެ އެވެ. އަދި ހާޒިރުވީ ކޮން ފަރާތަކުން ކަމެއްވެސް ނޭނގެ އެެވެ. 20 އޮކްޓޯބަރ 2016: ޕީޕީއެމް މައްސަލާގެ އިސްތިއުނާފް އަޑުއެހުން ނިންމާލުމަށް ފަހު ދައުވާ ރައްދުވާ މެމްބަރުންގެ ފަރާތުން ހާޒިރު ވަކީލު އަބްދުﷲ މުއިއްޒު ހައިކޯޓުން ނިކުމެވަޑައި ގަންނަވަނީ---ސަން ފޮޓޯ-- މުހައްމަދު އަފްރާހް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޝަރީއަތުގެ ފަރާތުން ވަނީ ޕީޕީއެމްއާ އަދި ރައީސް މައުމޫނާ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް ހުރީ ވަކިކޮށްފައިތޯ އާއީ އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ބާއްވަންތޯ ފަނޑިޔާރު އެއްސެވި އެވެ. މިއަދުގެ އަޑުއެހުން ނިންމާލީ ހޮނިހިރު ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާނުކުރުމަށް ފަހު އެވެ. އަދި އެދުވަހު ޝަރީއަތުން ޕީޕީއެމް އަދި ރައީސް މައުމޫނާ ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބު ދެއްވުމަށް އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ