މޫސުން ތަން ނުދޭނަމަ، މުޢިއްޒު ހުވާ ކުރައްވާނީ މަޖިލީހުގައި

ވިއްސާރަވެ، މޫސުން ތަން ނުދޭނަމަ، ންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ.
ޑރ.މުޢިއްޒު ރައީސްކަމުގެ ހުވާކުރެއްްވުމަށް ހަމަޖެހިފައިވަނީ ނޮބެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން, ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައިވަނީ ޖުމްހޫރީ މައިދާނުގައެވެ.
މަޖިލީހުގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން ޙަސަންް ޒިޔާއު މިއަދު ވިދާޅުވީ މުޢިއްޒު ހުވާކުރައްވާ ދުވަހުގައި މޫސުން ތަން ނުދޭނަމަ ޕްލޭން “ބީ“ އަކީ މަޖިލީހުގެ އިދާރާ ކަމަށެވެ.
މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ޖުމްހޫރީ މައިދާން ތައްޔާރު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިފައިންގެ ވެލްފެއަރ ކުންފުނި (ސިވެކް) އާ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފަައިވަނީ 22.5 މިލިއަން ރުފިޔާއަށެވެ.
މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ގައުމުތަކުގެ އިސް ވެރިން ވެސް ހިމެނިވަޑައިގަންނަވާހެން 3,500 އެއްހައި ބޭފުޅުންނަށް ދައުވަތު އަރުވައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ