މިދިޔަ ހަފްތާގެ ތެރޭގައި ތިލަފުށީގައި ބިދޭސީއަކު މަރުވި ހާދިސާއާއި ގުޅިގެން ލަންކާ ރައްޔިތަކު ހައްޔަރުކޮށްފިއެވެ.
ތިލަފުށީ ވެމްކޯ ސައިޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ (24އ) ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ ހުަސްވި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. ފުލުހުން މީގެ ކުރީން ހާމަކުރި ގޮތުގައި އަމީން މިއާ ނިޔާވުމުގެ ހާދިސާ ހިނގާފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުއެވެ.
މިކަމުގެ އިތުރު ތަފްސީލް ހާމަކުރަމުން ފުލުހުން ބުނީ ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާ ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ ނިޔާވުމަށް މެދުވެރިވެފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައި ކަމަށެވެ.
އެގޮތުން މި ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަން އެނގިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި ފަރާތް ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ސްރީލަންކާގެ ރައްޔިތެކެވެ.
މައްސަލައިގެ އިތުރު ތަފްސީލް އަދި ހައްޔަރުކުރި މީހާގެ ނަމާއި ފޮޓޯ އަދި މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް ފުލުހުން ވަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަން ހާމަކޮށްފައެވ.
ތިލަފުށިން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮތްވާ ފެނުނު އަމީން މިއާގެ މަރާއި ގުޅިގެން ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ