ޔޫއޭފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ގަދަ އަށަކަށް ނުދެވި 24 ގަޑިއިރު ތެރޭގައި ލިވަޕޫލް ނޫން އިނގިރޭސި އަނެއް ހަތަރު ޓީމު ކަޓައިފި އެވެ.
މުބާރާތުގެ ގަދަ 16އިން ޖާގަ ހޯދި އިނގިރޭސި ފަސް ޓީމުގެ ތެރެއިން ސަލާމަތްވީ ލިވަޕޫލް އެކަންޏެވެ. ރަށުން ބޭރުގައި ތުރުލީގެ ގަލަޓަސަރާއީ އަތުން 1-0އިން ބަލިވި ނަމަވެސް އަމިއްލަ ދަނޑުގައި ރޭ ލިވަޕޫލް ނަތީޖާ އަނބުރާލީ ހަތަރު ލަނޑުން މޮޅުވެގެންނެވެ. ލަނޑު ޖެހީ ޑޮމެނިކް ޒޮބޮސްލާއީ އާއި މުހައްމަދު ސަލާހާއި ހޫގޯ އެޓިކިޓޭ އާއި ގަރްވަންބާޗް އެވެ.
ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ރޭގެ މެޗަށް ފަހު ބުނީ މި މެޗަކީ އޭނާގެ ކޯޗުކަމުގައި އަމިއްލަ ދަނޑުގައި ލިވަޕޫލް އެންމެ ފަރުވާތެރިކަމާއެކު ކުޅުނު އެއް މެޗު ކަމަށާއި މި ފެންވަރުގައި ކުޅޭނަމަ ސަޕޯޓަރުން އުފާވެ ނަތީޖާ ނެރެވޭނެ ކަމަށެވެ.
"މި ގޮތަށް މި ހޭލުންތެރިކަމާއެކު އަހަރުމެން ކުޅެފިނަމަ މި ސީޒަނުގައި އަދިވެސް ނަތީޖާ ރަނގަޅު ކުރެވިދާނެ. އަހަރުމެންގެ އެންމެ ބޮޑު މައްސަލައަކީ އެއް ފެންވަރެއްގައި ގިނަ މެޗުތަކެއް ނުކުޅެވުން. މިރޭގެ މެޗުގައި ދެއްކީ ޓީމުގެ އަސްލު ފެންވަރު،" ސްލޮޓް ބުންޏެވެ.
މި ނަތީޖާއެކު ލިވަޕޫލް ކުއާޓާ ފައިނަލުގައި ވާދަ ކުރަން ޖެހޭނީ ފްރާންސްގެ ޕީއެސްޖީއާ އެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ. އާސެނަލް ވާދަ ކުރަން ޖެހުނީ ޕޯޗުގަލްގެ ސްޕޯޓިން ކުލަބާ އެވެ.
ކުއާޓާ ފައިނަލުގައި ސްޕޭނުގެ ބާސެލޯނާ ވާދަ ކުރާނީ އެ ގައުމުގެ އެތްލެޓިކޯ މެޑްރިޑާ އެވެ. ސްޕޭނުގެ ރެއާލް މެޑްރިޑް ވާޑަ ކުރާނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ އެވެ.
ގަދަ 16 އިން ކެޓި އިނގިރޭސި ޓީމުތަކަކީ މެންޗެސްޓާ ސިޓީ އާއި ނިއުކާސަލް އާއި ޗެލްސީ އާއި ޓޮޓެންހަމެވެ. ސިޓީ ކެޓީ ރެއާލް މެޑްރިޑް އަތުން 5-1އިން ބަލިވުމުންނެވެ. ނިއުކާސަލް ބަލިވީ ބާސެލޯނާ އަތުން 8-3އިންނެވެ. ޓޮޓެންހަމަ ބަލިވީ އެތްލެޓިކޯ އަތުން 7-5އިންނެވެ. ޗެލްސީ ބަލިވީ ޕީއެސްޖީ އަތުން 8-2އިންނެވެ.
ސަލާމަތްވީ އާސެނަލް އާއި ލިވަޕޫލް، އިނގިރޭސި ހަތަރު ޓީމު ކަޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ