ވެމްކޯ މުވައްޒަފަކަށް އަނިޔާވެ، ވެންޓިލޭޓަރުގައި؛ ހާދިސާ ސިއްރު ކުރަން އުޅޭ ކަމުގެ ތުހުމަތު

މާލޭގެ ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާއެއްގައި އެ ކުންފުނީގެ މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއްވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - މި ހާދިސާ ހިނގާފައި ވަނީ، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށްވެ އެވެ. އަދި އެ މީހާ ވެމްކޯ ވެހިކަލެއް ތެރެއަށް ވެއްޓިފައި އޮތް ފޮޓޯއެއް މިއަދު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މި ހާދިސާއަށް ދެ ދުވަސްވެ، އެ މުވައްޒަފުގެ ހާލަތު ސީރިއަސްވެފައިވާއިރު، މިކަމުގެ މައުލޫމާތެއް މީގެ ކުރިން އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.
ތަފްސީލު - ސޯޝަލް މީޑިއާގައި މިއަދު ދައުރުވާން ފެށި މި ހާދިސާގެ ފޮޓޯއާ އެކު، ނޫސްވެރިން މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނިގޮތުގައި:
މިދިޔަ އާދީއްތަ ދުވަހު މާލޭގައި ހުންނަ ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއްވެފައިވާ މައްސަލަ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ވަނީ ހުށަހަޅާފައި
މި ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން
މައްސަލަ ދަނީ ތަހުގީގު ކުރަމުން
ވެމްކޯ ސައިޓުގައި ހިނގީ ކޮން ކަހަލަ ހާދިސާއެއްކަމެއް ފުލުހުން ނުބުނެ އެވެ. ވެމްކޯއިން ވެސް މިހާތަނަށް ރަސްމީކޮށް މިކަމާ ގުޅިގެން އެއްޗެއް ނުބުނެ އެވެ.
ސޯޝަލް މީޑިއާގައި އެ މީހާގެ ފޮޓޯއާ އެކު ދައުރުވަމުންދާ ޕޯސްޓެއްގައިވާ ގޮތުން:
މުވައްޒަފު ވެއްޓިފައިވަނީ ވެމްކޯގެ އުޅަނދެއްގެ ރޭމްޕް މަތިން ކޮންޓެއިނަރެއް މައްޗަށް
ރޭމްޕާއި ކޮންޓެއިނަރާ ދެމެދު 12 ނުވަތަ 13 ފޫޓުގެ އުސްމިން ހުންނާނެ
އާދީއްތަ ދުވަހު ދަންވަރު 3 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އެ ކުންފުނީގެ ޑްރައިވަރަކަށް
މި ހާދިސާ ހިނގުމާ އެކު، އެ ވަގުތު އެ ތަނުގައި ތިބި މުވައްޒަފުންނަށް، މިކަން ސިއްރު ކުރުމަށް އަންގާފައިވޭ
މައްސަލަ ފުލުހުންނަށް ހުށަހެޅީ މުވައްޒަފުގެ އާއިލާގެ ފަރާތުން
މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ، އެތަނުގެ ބަހެއް އަދި ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ