ބީއެމްއެލް އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ ރޭ ބާސެލޯ ނަސަންދުރާގައި ބާއްވަން ހަމަޖައްސައިފި އެވެ.މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު ފައިދާއިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 60ރ.ގެ މަގުން، ޖުމްލަ 322.9 މިލިއަން ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ. މިއީ އެ ބޭންކުގެ ތާރީހުގައި ވެސް ޑިވިޑެންޑުގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދެވެ.މި ޖަލްސާ އޮންނާނީ ބާސެލޯ ނަސަންދުރާ މާލޭގެ ބޯލްރޫމްގަ ހޮނިހިރު ދުވަހުގެރޭ 9:00 ގައި ކަމަށް އެ ބޭންކުން ނެރުނު އިއުލާނުގައި ވެއެވެ. މި ޖަލްސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޒިރުވެގެންނާއި، އޮންލައިންކޮށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ މީޓިންގ މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށެވެ.މި ޖަލްސާގައި ބައިވެރިވުމަށް ޕްރޯ-ރަޖިސްޓަރ ތިރީގައިވާ ލިންކުން ކުރެވޭނެ އެވެ. ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 14 މާރިޗްގައި ހުޅުވާފައިވާ ޕްރީ ރަޖިސްޓްރީވުމުގެ ފަހު ތާރީޚަކީ 26 މާރިޗް 2026 ވާ ބުރާސްފަތި ދުވަހުގެރޭ 9:00 އެވެ. މީގެ އިތުރުން އެމްއެސްޑީގެ އޮންލައިން ސިސްޓަމް އިންފިނިޓީ މެދުވެރިކޮށްވެސް ރަޖިސްޓަރީ ކުރެވޭނެ އެވެ.ބީއެމްއެލުން ބުނީ، ބޭންކާއި ހިއްސާދާރުންގެ މެދުގައިވާ ގުޅުން ބަދަހިކޮށް، އިތުބާރު ދެމެހެއްޓުމަށްޓަކައި އަހަރީ އާންމު ޖަލްސާ މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.ބޯނަސް ހިއްސާ ދޫކުރުމަށާއި ހިއްސާ ބައި ކުރުމަށާއި، ބީއެމްއެލްގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މި އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމައިފައިވާ ކަމަށާއި، އެ ހުށަހެޅުންތައް ފާސްކުރެވެނީ ހިއްސާދާރުންގެ ޚާއްސަ ގަރާރަކުން ކަމަށް، ބީއެމްއެލުން ބުންޏެވެ.އެހެންވެ، ވީހާވެސް ގިނަ ހިއްސާދާރުން މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ބޭންކުން އެދެއެވެ.މިދިޔަ އަހަރު ބީއެމްއެލުން ވަނީ 2.5 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ