ސިފައިންނަކީ ދިވެހިންނަށް އޮތް އެންމެ ގާބިލް ލަޝްކަރު - ރައީސް

ސިފައިންގެ ޚިދުމަތަށް 134 އަހަރު ފުރުނު މުނާސަބަތުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) ގެ ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޚްލާޞްތެރި ތަހުނިޔާ ފޮނުއްވައި، ޤައުމަށްޓަކައި ސިފައިން ވަމުންދާ ގުރުބާނީއަށާއި ދެއްވަމުން ގެންދަވާ ޚިދުމަތަށް ތަޢުރީފު ކުރައްވައިފިއެވެ.
ސިފައިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ޕޯސްޓްކުރެއްވި މެސެޖެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ތާރީޚަކީ ޤައުމުގެ ދިފާޢުގައި ފުރާނައިން ގުރުބާންވި ޝަހީދުންނާއި، މުޖާހިދުން އަދި ހިތްވަރުގަދަ ދިވެހި ރައްޔިތުން "ރަން އަކުރުން" ފަވާލާފައިވާ ތާރީޚެއް ކަމަށެވެ. އެމްއެންޑީއެފް އަކީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އޮތް އެންމެ ބޮޑު އަދި އެންމެ ޤާބިލު ލަޝްކަރުކަން ފާހަގަކުރައްވައި، ޤައުމީ ސަލާމަތް ކަށަވަރުކުރުމުގައި އެ މުއައްސަސާ އަދާކުރާ މުހިންމު ދައުރަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، ސިފައިންގެ ވަޒީފާގައި ރޭދުވާ ނުބަލައި މަސައްކަތްކުރާ ސިފައިންނަށާއި، އެމީހުންގެ އާއިލާތަކުން ވަމުންދާ ގުރުބާނީތަކަށްޓަކައި ރައީސް ވަނީ ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
134 އަހަރުގެ ދިގު ތާރީޚެއް
ސިފައިންގެ އަހަރީ ދުވަސް ނިސްބަތްވަނީ، އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ރަސްކަމުގައި 21 އެޕްރީލް 1892 ގައި ދިވެހި އަސްކަރިއްޔާ ރަސްމީކޮށް އުފެއްދެވި ތާރީޚަށެވެ. މިއީ ރާއްޖޭގައި އިންތިޒާމުވެގެންވާ ދިފާޢީ ބާރެއް އުފެދުމުގެ ފެށުމެވެ.
ރާއްޖޭގައި އިންތިޒާމުވެގެން ދިފާޢީ މަސައްކަތްތައް ކުރަން ފެށިފައިވަނީ މީގެ އެތައް ޤަރުނެއް ކުރިން، ޚާއްޞަކޮށް ޤައުމީ ބަތަލު މުޙައްމަދު ތަކުރުފާނުގެ ޖިހާދުން ފެށިގެން ކަމަށްވީ ނަމަވެސް، ޒަމާނީ އަސްކަރީ މުއައްސަސާއެއްގެ ސިފަ ޖެހިގެން އައީ 1892 ގައެވެ. އޭގެ ފަހުން އެކި މަރުހަލާތަކުގައި މި މުއައްސަސާއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
ޒަމާނަށް އައި ބަދަލުތަކާއެކު، "ސިފައިންގެ" ނަމުން "ނޭޝަނަލް ސެކިއުރިޓީ ސަރވިސް" (އެންއެސްއެސް) އަށް ބަދަލުވެ، 2006 ވަނަ އަހަރު "މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް" (އެމްއެންޑީއެފް) ގެ ނަމަށް ބަދަލުކުރެވުނެވެ. މިއީ ޒަމާނީ، ފަންނީ އަސްކަރީ ޖަމާޢަތެއްގެ ސިފަ ދައްކުވައިދޭ ބަދަލެކެވެ.
ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި، އޭޕްރީލް 21 އަކީ އަސްކަރިއްޔާ އުފެދުނު ތާރީޚު ކަމަށްވިޔަސް، ރަސްމީކޮށް މި ދުވަސް ފާހަގަކުރަން ފަށާފައިވަނީ މާ ފަހުންނެވެ.
މާޒީގެ ގޮންޖެހުންތަކުން ޒަމާނީ ބާރަކަށް
ތާރީޚުގެ ތެރޭގައި، ރާއްޖޭގެ ސިޔާދަތު ހިމާޔަތްކުރުމުގައި އެމްއެންޑީއެފް އިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ 1988 ވަނަ އަހަރު ބޭރުގެ ކުލީ ސިފައިންގެ އެހީގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއެވެ. މި ހާދިސާއަކީ ޤާބިލު އަދި ތައްޔާރީ ހާލަތުގައި އޮތް އަސްކަރިއްޔާއެއްގެ މުހިންމުކަން ހާމަވެގެންދިޔަ ކަމެކެވެ.
އޭގެ ފަހުން، ދިވެހި އަސްކަރިއްޔާ ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭސްތައް ގާއިމުކޮށް، ލޮޖިސްޓިކްސް ވަރުގަދަކޮށް، އަދި އުފެދެމުންދާ ސަލާމަތީ ގޮންޖެހުންތަކަށް ކުރިމަތިލުމަށް ތަމްރީނު ޕްރޮގްރާމްތައް ވަނީ ހަރުދަނާކޮށްފައެވެ.
މިއަދު އެމްއެންޑީއެފް އަކީ ހަމައެކަނި ޤައުމުގެ ސަރަހައްދު ހިމާޔަތްކުރާ ބާރެއް ނޫނެވެ. އެއީ ކަނޑުގެ ސަލާމަތާއި، ކާރިސާތަކުގައި އެހީތެރިވުމާއި، އަދި ޤައުމުގެ ދާޚިލީ ހަމަޖެހުން ގާއިމުކުރުމުގެ މަސްއޫލިއްޔަތުވެސް އުފުލާ މުއައްސަސާއެކެވެ. މި ބާރުގެ ދަށުގައި އެއާ ވިންގް، ކޯސްޓްގާޑް، މެރިން ކޯޕްސް، އެއަރ ކޯޕްސް، ފަޔަރ އެންޑް ރެސްކިއު ސަރވިސް، އަދި ސްޕެޝަލް ފޯސަސް ފަދަ މުހިންމު ގޮފިތައް ހިމެނެއެވެ. އެމްއެންޑީއެފް އަކީ ނިސްބަތުން ކުޑަ ލަޝްކަރެއް ނަމަވެސް، ރާއްޖޭގެ ބޮޑު އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގައާއި، އަތޮޅުތަކުގެ އަމާންކަން ކަށަވަރުކުރުމުގައި އެ މުއައްސަސާއިން މުހިންމު ދައުރެއް އަދާކުރެއެވެ.
ދިފާއީ ބާރު ވަރުގަދަކުރުމަށް ރައީސް މުއިއްޒު ދެއްވާ އަހަންމިއްޔަތުކަން
ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް މުއިއްޒު ވަނީ ގައުމުގެ ދިފާއީ ގާބިލުކަން އިތުރުކުރުމަށް ހާއްސަ މަސައްކަތްޕުޅެއް ފައްޓަވާފައެވެ.
އެމަނިކުފާނުގެ ސަރުކާރުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކުރިއެރުމަކީ 2024 ވަނަ އަހަރު އެމްއެންޑީއެފް އެއާ ކޯ އިފްތިތާހުކުރުމެވެ. މިއީ ރާއްޖޭގެ ވައިގެ ސަރަހައްދާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ރައްކާތެރިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. ސަރުކާރުން ތުރުކީގެ ޑިފެންސް ކުންފުންޏެއް ކަމަށްވާ ބައިކާރުން އުފައްދާފައިވާ، ދުނިޔޭގައި މަގުބޫލު "ބައިކާރު ބައިރަކްތާރު ޓީ.ބީ.2" ޔޫ.އޭ.ވީ (އަންމޭންޑް އޭރިއަލް ވެހިކަލް) އެމްއެންޑީއެފްއަށް ހޯދާފައެވެ. ބައިރަކްތާރު ޓީ.ބީ.2 އަކީ މެދު މިންވަރެއްގެ އުސްމިނެއްގައި ގިނަ ވަގުތު އުދުހުމުގެ ގާބިލުކަން ލިބިފައިވާ، އަދި ތަފާތު އެކި ބޭނުންތަކަށް ބޭނުންކުރެވޭ ޑްރޯންއެކެވެ. މީގެ ތެރޭގައި ހާއްސަކޮށް އިންޓެލިޖެންސް، ސަވައިލަންސް އަދި ރިކޮނަސަންސް (އައި.އެސް.އާރު) ގެ މަސައްކަތްތަކާއި، އަމާޒަށް ސީދާ ހަމަލާދިނުމުގެ ގާބިލުކަން ފާހަގަކޮށްލެވެއެވެ. އެމްއެންޑީއެފްގައި މިފަދަ 6 ޔޫއޭވީ މިހާރު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ