ބަންގްލަދޭޝްއިން ނިފާ ވައިރަސް ފެނިއްޖެކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފި

ނިފާ ވައިރަސް ޖެހިގެން ބަންގްލަދޭޝްގެ މީހަކު މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ. އެެެހެން ނަމަވެސް ދުނިޔެއަށް ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް ކުޑަ ކަމަށް އެ ޖަމިއްޔާ ބުނެއެވެ. ޑަބްލިއުއެޗްއޯ އިން ހުކުރު ދުވަހު ބުނީ، ބަންގްލަދޭޝްއިން ނިފާ ވައިރަސް ޖެހިގެން މީހަކު މަރުވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ. އެމީހާ އެޑްމިޓްކުރީ ޖެނުއަރީ މަހު 28 ވަނަ ދުވަހުއެވެ. "ތިނެއް، ފެބްރުއަރީ 2026 ގައި ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް ނޭޝަނަލް ފޯކަލް ޕޮއިންޓް (އައިއެޗްއާރު އެންއެފްޕީ) އިން ޑަބްލިއުއެޗްއޯއަށް އަންގާފައި ވަނީ ރާޖްޝާހީ ޑިވިޝަންގައި ނިޕާ ވައިރަސް (އެންއައިވީ) ޖެހިފައިވާ މީހަކު ފެނިފައިވާކަން،" ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނެއްގައިވެއެވެ. ބަލި ޖެހުނީ ނައޯގާއޮން ޑިސްޓްރިކްޓްގައި ދިރިއުޅޭ އުމުރުން 40 އަހަރާއި 50 އަހަރާ ދެމެދުގެ އަންހެނަކަމަށް ވެސް ޑަބްލިޔުއެޗްއޯއިން ބުނެފައިވެއެވެ. އެ މީހާއާ ގުޅުން ހުރި އިތުރު 35 މީހަކު ވައިރަސްއަށް ޓެސްޓްކޮށްފައިވާއިރު، މިހާތަނަށް އިތުރު ކޭސްއެއް ފެނިފައިނުވާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. 2001 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގައި ނިފާ ވައިރަހުގެ ގާތްގަނޑަކަށް 348 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މިކަން އިއުލާން ކޮށްފައިވަނީ އިންޑިއާގެ އިރުމަތީގެ ހުޅަނގު ބެންގަލް ސްޓޭޓުން ދެ ކޭސް ފެނުނުތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި އެ ބަލި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލުކުރެވިފައެވެ. އިންޑިއާއިން ނިފާ ވައިރަސް ފެނުމާ ގުޅިގެން ޗައިނާއާއި ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި ކަންބޮޑުވުންތައް އިތުރުވެ، އެއާޕޯޓްތަކުގައި ސްކްރީނިން އޮޕަރޭޝަންތައް ހަރުކަށިކުރިއެވެ. ނިފާ ވައިރަސް އިންފެކްޝަނަކީ އޫރާއި، ވާ ފަދަ ޖަނަވާރުތަކުން އިންސާނުންނަށް ޖެހޭ "ޒޫނޮޓިކް ބައްޔެއް" ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެއެވެ. އަދި، ތަޣައްޔަރުވެފައިވާ ކާނާއިންނާއި ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވުމުން ވެސް މިބަލި ފެތުރިދާނެއެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ހޮޑުލެވުމާއި، ކަރުގައި ރިއްސުން ހިމެނެއެވެ. ބަލި ބޮޑުވާ ހާލަތްތަކުގައި ނިއުމޯނިއާ ޖެހުމާއި، ސިކުނޑި ދުޅަވުމާއި، ފުރާނައަށް ނުރައްކާވުން އެކަށީގެންވާއިރު، މި ބަލީގައި މަރުވާ ރޭޓަކީ 40 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މިންވަރެކެވެ. ބަލީގެ އަލާމާތްތަތައް އާންމުގޮތެއްގައި ފެންނަނީ ބަލި ޖެހޭތާ ހަތަރު ދުވަހާއި 14 ދުވަހާއި ދެމެދެވެ. މި ބައްޔަށް މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވެއެވެ. ބޭސް ދެވެނީ ހަމައެކަނި އަލާމާތްތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ