ފާގަސަން އަށް ފަހު ޔުނައިޓެޑުން ކޯޗުންނަށް ކުރި ހަރަދު 100 މިލިއަން ޑޮލަރަށް ފާގަސަން އަށް ފަހު ޔުނައިޓެޑުން ކޯޗުންނަށް ކުރި ހަރަދު 100 މިލިއަން ޑޮލަރަށް

މެންޗެސްޓާ (ޖެނުއަރީ 7) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުން ރުބެން އަމޮރިމް ވަކިކުރަން އެ ކްލަބުން 13.5 މިލިއަން ޑޮލަރު ދައްކަން ޖެހުނުއިރު، 2013 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗު ކަމުން ފާގަސަން ވަކިވި ފަހުން، އެ ކްލަބުން ކޯޗުން ގެނައުމާއި ވަކިކުރުމަށް ކުރި ހަރަދު 100 މިލިއަން ޑޮލަރަށް އަރައިފި އެވެ.
އަމޮރިމް އަކީ 2013 ވަނަ އަަހަރު އަލެކްސް ފާގަސަން ރިޓަޔާކުރި ފަހުން، ޔުނައިޓެޑާ ހަވާލުވާނެ 10 ވަނަ ކޯޗެވެ. އޭގެ ތެރޭގައި ހިމެނެނީ، ފަސް ފުލް ޓައިމް ކޯޗުންނާއި ހަތަރު ކެއާޓޭކާ/އިންޓަރިމް ކޯޗުންނެވެ. ޔުނައިޓެޑުން ވަނީ، 2024 ވަނަ އަހަރު ނޮވެމްބަރު މަހު އަމޮރިމްއާ ޓީމު ހަވާލުކުރިއިރު، އޭގެ ކުރިން ކޯޗުކަމުން ވަކިކުރި އެރިކް ޓެން ހާގް އަށް ބަދަލެއްގެ ގޮތުގައި ބަހާލައިގެން 20 މިލިއަން ޑޮލަރު ދައްކަން ނިންމައިފަ އެވެ. އަދި ޔުނައިޓެޑުން އަމޮރިމް، އެ ޓީމަށް ގެންނަަން، އޭނާ ކުރިން ހުރި ކްލަބް، ސްޕޯޓިން ލިޒްބަން އަށް ދެއްކި ފީ 10 މިލިއަން ޑޮލަރަށް ވުރެ އިތުރެވެ.
ޔުނައިޓެޑަށް ވިއްސަކަށް އަހަރު ކޯޗުކޮށްދޭން ޓާގެޓްކުރި އަމޮރިމް، 14 މަސް ދުވަސް ތެރޭ މަގާމުން ވަކިކުރިއިރު، ޔުނައިޓެޑާ އެކު ހެދި ކޮންޓްރެކްޓްގައި ބާކީ 18 މަސް އޮތެވެ.
ފާގަސަން އަށް ފަހު ވަކިކުރި ފުރަަތަމަ ކޯޗު، ޑޭވިޑް މޮއިސް އަށް ޔުނައިޓެޑުން ފަސް މިލިއަން ޑޮލަރު ދޭން ޖެހުނެވެ. އޭގެ ފަހުން، އައި ލުއީ ވެން ހާލް ވަކިކުރިއިރު ބަދަލަކަށް 10 މިލިއަން ޑޮލަރު ދައްކަން ޖެހުނެވެ. ވެން ހާލް އަށް ފަހު ޔުނައިޓެޑުން ގެނައި ހޯސޭ މޮރީނިއޯ ވަކިކުރިއިރު، ބަދަލެއްގެ ގޮތުގައި، 25 މިލިއަން ޑޮލަރު ދައްކަން ޖެހުނެވެ. އޭގެ ފަހުން، ގެނައި، އޮލެ ގުނަ ސޯލްޝެއާ އަށް ބަދަލަކަށް 13 މިލިއަން ޑޮލަރު ދޭން ޖެހުނެވެ.
ޔުނައިޓެޑްގެ ޓެކްނިކަލް މަސައްކަތް ކުރުމާއި ކޯޗިންގެ ޒިންމާ ވެސް އަދާކުރި ރަލްފް ރަންގްނިކް ވަކިކުރަން، 18 މިލިއަން ޑޮލަރު ދައްކަން ޖެހުނެވެ.
ކޯޗުން ވަކިކުރަން ޔުނައިޓެޑުން ދެެއްކި ފައިސާގެ އިތުރުން، އެ ކޯޗުން ހަވާލުވެ ހުރި ޓީމުތަކުން ގެންނަން ވެސް ހަރަދުތަކެއްކޮށްފައިވެ އެވެ. އަދި، އެ އަދަދު 30 މިލިއަން ޑޮލަރާ ގާތްކުރެ އެވެ.
އަމޮރިމް ވަކިކޮށް ޔުނައިޓެޑުން ގެންނަން މަސައްކަތް ކުރަމުން އަންނަނީ މި ސީޒަނުގެ ނިޔަލަށް ޓީމާ ހަވާލުވާނެ ކޯޗެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ގޮތުން، ތިން ކޯޗުންގެ ލިސްޓެއް އެބައޮތެވެ. އެއީ، މި ވަގުތު ޓީމުގެ ޒިންމާ ހަވާލުކޮށްފައިވާ ޑަރެން ފްލެޗާ އާއި ކުރިން ކޯޗަކަށް ހުރި ސޯލްޝެއާގެ އިތުރުން މައިކަލް ކެރިކް އެވެ. މީގެ ތެރެއިން، އެންމެ ފުރުސަތު ބޮޑީ ސޯލްޝެއާއާ ޓީމު ހަވާލުކުރުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ