ސްރީލަންކާގެ އިރުމަތީ ބައެއް ސަރަހައްދުތަކަށް މޫސުމީ އިންޒާރު

މޫސުން ވަރަށްބޮޑަށް ގޯސްވާނޭކަމަށް ބަލައި އަވައްޓެރި ސްރީލަންކާގެ އިރުމަތީ ބައެއް ހިސާބުތަކަށް މޫސުމީ އިންޒާރު ނެރެފިއެވެ.
ސްރީލަންކާގެ މީޓިއޮލޮޖިކަލް ސެންޓަރުން ބުނީ، ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު އިރުމަތީ ސަރަހައްދަށް މިސްރާބް ޖަހާފައިވާކަމަށެވެ. އެގޮތުން ބަޓިކާލޯ، ޕޮލޮނަރުވާ، ވަވުނިޔާ، އަދި ޖަފްނާ ފަދަ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ނުރައްކާ އެބައޮތްކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ބައެއް ސަރަހައްދުތަކުގެ ކޯރުތައް ބަންޑުންވާނޭކަމުގެ ނުރައްކާ އޮތުމާއެކު މޫސުމާ ބެހޭ އިދާރާއިން ވަނީ އެ ތަންތަނުގައި ދިރިއުޅެމުންދާ ފަރާތްތަކުން ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް އެދިފައެވެ. 
ސްރީލަންކާގެ އިރުމަތީ ސަރަހައްދަށް މޫސުމީ އިންޒާރު ނެރެފައިވާއިރު، އެޤައުމުން އަދިވެސް ދަނީ އެންމެފަހުން ކުރިމަތިވި ތޫފާން ދިތުވާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންނެވެ. ދިތުވާއަކީ އެޤައުމުގެ ތާރީހުގައިވެސް ކުރިމަތިލާން ޖެހުނު އެންމެ ގެއްލުންބޮޑު ތޫފާނެވެ. މި ތޫފާނުގައި އެންމެބޮޑަށް ގެއްލުން ލިބުނު އެއް ސަރަހައްދުތަކަކީ ނިސްބަތުން އެންމެ ފަގީރު އަދި އާރާސްތުކުރަން އެންމެ ގޮންޖެހުންބޮޑު ސަރަހައްދުތަކެވެ. 
ސްރީލަންކާ ސަރުކާރުން ވަނީ ތޫފާން ދިތުވާގައި އަވަސް އެހީއަށް އެދި ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީއަށް އެދިފައެވެ. އަދި ގެއްލުން ލިބުނު އަވައްތަކުގެ މަގުތަކާއި އެނޫންވެސް ތަންތަން މަރާމާތު ކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް އެޤައުމުން ވަނީ ޤައުމީ ފަންޑެއް ޤާއިމްކޮށް ބޭރުގެ ފަރާތްތަކުގެ އެހީއަށް އެދިފައެވެ. 
ވަރލްޑް ބޭންކުން ބުނެފައިވަނީ ތޫފާން ދިތުވާގައި ސްރީލަންކާއަށް އުމްރާނީގޮތުން ލިބުނު ގެއްލުންތަކަަށް އެކަނިވެސް 4 ބިލިއަނަށްވުރެ ގިނަ ޑޮލަރު ބޭނުންވާނޭކަމަށެވެ. ތޫފާންގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 7 ބިލިއަނަށްވުރެ ގިނަ ޑޮލަރު ބޭނުންވާނޭކަމަށް ވަރލްޑް ބޭންކުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ