ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސް އަތުން 3-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.
މާޒިޔާ އަށް ވަނީ ލީގުގައި ކުޅުނު 15 މެޗުން 43 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބުން 14 މެޗުން 32 ޕޮއިންޓް ހޯދާފައިވާއިރު، އޮޑި އަށް މާދަމާ ކްލަބް ވެލެންސިއާ އަތުން ކުރި ނުހޯދިއްޖެނަމަ، މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. އެހެން ނޫން ނަމަ މާޒިޔާ އިން ދެން ކުޅޭ މެޗުގައި ބުރު ސްޕޯޓްސް ކްލަބް އަތުން މި މަހު 22 ވަނަ ދުވަހުގެރޭ މޮޅުވެގެން ލީގު ކަށަވަރުކުރެވޭނެ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި މާޒިޔާ އަށް ފުރަތަމަ ހާފުގައި އީގަލްސް ކޮޅަށް ގޯލު ޖެހޭ ގޮތެއްނުވި އެވެ. ފުރަތަމަ ހާފުގައި މާޒިޔާ އިން ޖެހި ގިނަ ހަމަލާތަކެއް އީގަލްސްގެ ކީޕަރު، މުހައްމަދު އަޝްވާން ވަނީ މަތަކޮށްފަ އެވެ.
މާޒިޔާ އިން މެޗުގައި ޖެހި ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ދެ ވަނަ ހާފުގަ އެވެ.
މާޒިޔާގެ ފުރަތަމަ ގޯލު ޖެހީ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ޖެހި ގޯލުންނެވެ. ކޯނަރެއްގައި ހުރަސްވި ބޯޅައަކުން ސަމުއްޓެ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ އީގަލްސްގެ ކީޕަރު، އަޝްވާން އަތުގައި ޖެހިފަ އެވެ.
މެޗުގައި އީގަލްސް އަށް މައްސަލަ ދިމާވީ މެޗުގެ 78 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު، މާވިން ލެބީ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ރަތެއް ދެއްކީ މާޒިޔާގެ ސަމުއްޓެ އަަތުން ބޯޅަ ހޯދަން ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.
އީގަލްސް އިން ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، މާޒިޔާ އިން ދެ ލަނޑު ޖެހި އެވެ. އެ ގޮތުން، އެ ޓީމަށް ލަނޑުތައް ޖަހައިދިނީ އަހުމަދު އައިހަމް (ފަތޯ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
ލީގުގައި މާދަމާ ހަވީރު އޮޑި އާއި ވެލެންސިއާ ބައްދަލުކުރާއިރު، މާދަމާރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ޔުނައިޓެޑް ވިކްޓަރީއާ ކުޅޭނެ އެވެ.
އީގަލްސް ބަލިކޮށް މާޒިޔާ އިން ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް އީގަލްސް ބަލިކޮށް މާޒިޔާ އިން ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ