މީޑިއާގެ މިނިވަންކަމުގެ މާނަ އޮޅުވައިނުލާށެވެ!
މީސްމީޑިއާ އާއި އޮންލައިން ނޫސްތަކާއި މެސެޖުކުރާ އެޕްލިކޭޝަންތަކުގެ ސަބަބުން، ކުރިއަށްވުރެ މާ ހަލުވިކޮށް މަޢުލޫމާތު ދައުރުވާނެ މާހައުލެއް އަޅުގަނޑުމެންގެތެރޭގައި ވަނީ އުފެދިފައެވެ. ނަމަވެސް، މި ބަދަލާއެކު ސީރިއަސް ކަންބޮޑުވުންތަކެއް ވެސް ވަނީ ކުރިމަތިވެފައެވެ. އެއީ އިވޭހާ ވާހަކައެއް ހަގީގަތަށް ބެލުމެއްނެތި، އިވުނު ގޮތަކަށް ފަތުރައި އާންމު ކުރަމުން ދިއުމެވެ. މީގެ ސަބަބުން، މީހުންގެ އަބުރު ކަތިލުމާއި، އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތައް ބޮލުގައި އެޅުވުން ފަދަ ނުރައްކާތެރި ޢަމަލުތައް މުޖުތަމަޢުގައި ވަނީ އާންމުވެފައެވެ. ވަކި މީހަކަށް ނުވަތަ ބަޔަކަށް ދެރައެއް ދިނުމުގެ ނިޔަތުގައި ނުވަތަ ހަމައެކަނި ސަމާލުކަން ހޯދުމަށް ޓަކައި، ކަށަވަރުނުކުރެވޭ ވާހަކަތައް ފެތުރުމަކީ މިއަދު އާދައިގެ ކަމަކަށް ވެއްޖެއެވެ. މިއީ ދީނީ-އިޖުތިމާޢީ ގޮތުންނާއި އަޚްލާގީ އަދި ޤާނޫނީ ގޮތުންވެސް ކަންބޮޑުވުން އޮތް މައްސަލައެކެވެ. އަމާނާތްތެރިވުމާއި މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުން އިސްލާމްދީނުގައި މަޢުލޫމާތު ފެތުރުމަކީ އަމާނާތެކެވެ. މި އަމާނާތް އަދާކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހެނީ މަޢުލޫމާތުގެ ތެދުދޮގު ބަލައި ކަށަވަރުކުރުމަށެވެ. ކަށަވަރުނުކުރެވޭ މަޢުލޫމާތެއް ފެތުރުމުގެ ސަބަބުން މުޖުތަމަޢަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ޓަކައި، ކީރިތި ޤުރުއާނުގައި ވަރަށް ހަރުދަނާ އުސޫލެއް ކަނޑައަޅުއްވާފައިވެއެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ﴾ (އަލްޙުޖުރާތު: 6). "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ". މި އާޔަތުން އެނގޭ ގޮތުގައި، މަޢުލޫމާތު ހޯދައި ފެތުރުމުގައި ގެންގުޅެންޖެހޭ އެންމެ މުހިންމު މިންގަނޑަކީ އެ މަޢުލޫމާތެއްގެ ޞައްޙަކަން ކަށަވަރުކުރުމެވެ. ވަކި މަޢުލޫމާތެއް ފެތުރުމުގެ ސަބަބުން ފަރުދުންނަށް ނުވަތަ މުޖުތަމަޢަށް ގެއްލުމެއް ލިބިދާނެ ފަދަ ހާލަތްތަކުގައި، ލޯމަރާލައިގެން ހުރެ ކަށަވަރުނުކޮށް ޚަބަރު ފެތުރުން މި އާޔަތުން ނަހީކުރެއެވެ. ހަމައެފަދައިން، ކީރިތި ޤުރުއާނުގެ އެހެން އާޔަތެއްގައި އަންގަވާފައިވެއެވެ. ﴿وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا﴾ (އަލްއިސްރާ: 36). "އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ ތަބަޢަނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުވާލު ކުރައްވާނެ ކަމެއްކަމުގައިވިއެވެ". ވާހަކަދެއްކުމާއި ޚަބަރު ފެތުރުމުގެ އަޚްލާގީ ޙުދޫދުތައް އިސްލާމީ ޝަރީޢަތުގައި އިންސާނީ ކަރާމާތް ވަރަށް ވަރުގަދަޔަށް ހިމާޔަތްކޮށްފައިވެއެވެ. އެގޮތުން، ދޮގު ވާހަކަ ފެތުރުމާއި ޣީބަ ބުނުމާއި އަބުރާ ބެހުމާއި މީހުންނަށް މަލާމާތްކުރުމަކީ ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަންކަމެވެ (ޞަޙީޙުލް ބުޚާރީ: 33؛ ޞަޙީޙު މުސްލިމް: 59) ، (އަލްޙުޖުރާތު: 11-12) ، (އަލްހުމަޒަ: 1) ، (ޞަޙީޙުލް ބުޚާރީ: 1741)؛ ޞަޙީޙު މުސްލިމް: 1679). ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ލެޔާއި، ތިޔަބައިމީހުންގެ މުދަލާއި، ތިޔަބައިމީހުންގެ އަބުރާއި، ތިޔަބައިމީހުންގެ ހަށިތަކަކީ (ޖިސްމުތަކަކީ)، ތިޔަބައިމީހުންގެ މެދުގައި ޙުރުމަތްތެރިވެގެންވާ ތަކެއްޗެވެ" (ޞަޙީޙު މުސްލިމް: 1679). ކީރިތި ރަސޫލާ ﷺ ގެ މި އިރުޝާދުފުޅަކީ، އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށް ޓަކައި މިއަދުގެ މީޑިއާގެ މާހައުލުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އަސާސެކެވެ. މީހެއްގެ އަބުރަށް އުނިކަން އަންނަ ފަދަ މަޢުލޫމާތެއް އާންމުކުރުމަކީ އިސްލާމީ އަޚްލާގީ މިންގަނޑުން ބަލާއިރު ވަރަށް ނުރައްކާތެރި ކަމެކެވެ. އިސްލާމީ ތަރުބިޔަތަކީ މީހުންގެ އުނިސިފަތަކާއި ސިއްރުތައް ފޮރުވައިދިނުމެވެ. އެހެންކަމުން، މީހުންގެ ޒާތީ ކަންކަން ބޭޒާރުކޮށް ފަޟީޙަތްކުރުމަކީ އެއްވެސް އުޒުރަކަށް ޓަކައި ހުއްދަކުރެވޭނެ ކަމެއް ނޫނެވެ. މުޖުތަމަޢުގެ އިޞްލާޙަށްޓަކައި ކުރަންޖެހޭ ކަމަކީ ފަޟީޙަތްކުރުމުގެ ބަދަލުގައި އުސޫލުތަކުގެ ތެރެއިން ކަމާބެހޭ ރަސްމީ އިދާރާތަކަށް އެފަދަ މައްސަލަތައް ހުށަހަޅައިގެން ޙައްލު ހޯދުމެވެ. މިނިވަންކަމާއި ޒިންމާދާރުކަން ދިވެހިރާއްޖެ ހިމެނޭހެން ގިނަ މުޖުތަމަޢުތަކެއްގައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ބާރުއަޅައެވެ. މިއީ މުހިންމު ކަމެއް ނަމަވެސް، ޒިންމާދާރުކަމެއް ނެތް މިނިވަންކަމަކީ އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާ ކަމެކެވެ. ބައެއް މީޑިއާ މާހައުލުތަކުގައި "އަޚްލާޤީ ނޫސްވެރިކަމަށް" ވުރެ ބޮޑަށް "ނޫސްވެރިކަމުގެ މިނިވަންކަމަށް" އިސްކަންދެވޭކަން ފާހަގަ ކުރަން ޖެހެއެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭއިރު، އެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ 67 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، އެހެން މީހުންގެ ޙައްޤުތަކާއި އަބުރަށް އިޙްތިރާމްކުރުމާއެކު ޒިންމާދާރުކަމާއެކުގައެވެ. އިސްލާމީ ނަޒަރަކުންނާއި ބައިނަލްއަޤްވާމީ އުސޫލުތަކަށް ބެލިނަމަވެސް، "ނޫސްވެރިކަމުގެ މިނިވަންކަމަކީ" ޙައްދެއްނެތް މިނިވަންކަމެއް ނޫނެވެ. ބައިނަލްއަޤްވާމީ ގޮތުން ޢަމަލުކުރާ "އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު)" ގެ 19 ވަނަ މާއްދާގެ 3 ވަނަ ނުކުތާގައި ބަޔާންކުރާ ގޮތުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުހެ ޙައްޤު ބޭނުންކުރުމުގައި ޚާއްސަ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް އުފުލަންޖެހެއެވެ. އެގޮތުން، ތިރީގައިވާ މުހިންމު މަޤްޞަދުތަކަށް ޓަކައި، ޤާނޫނީ އިމުގެ ތެރެއިން އެ މިނިވަންކަން ހަނިކުރެވިދާނެކަމަށް އެ މުޢާހަދާގައި ބަޔާންކުރެއެވެ. (ހ) އެހެން މީހުންގެ ހައްގުތަކާއި އަބުރަށް އިޙްތިރާމްކުރުން: އެއްވެސް މީހެއްގެ ޒާތީ ދިރިއުޅުމަށާއި ކަރާމާތަށް ބޭއިންސާފުން އަރައިގަތުމުގެ ފުރުޞަތު މިނިވަންކަމުގެ ނަމުގައި ދީފައިނުވުން. (ށ) ޤައުމީ ސަލާމަތާއި އާންމު ނިޒާމާއި އާންމު ޞިއްޙަތާއި އަޚްލާގީ މިންގަނޑުތައް ހިމާޔަތްކުރުން: މުޖުތަމަޢުގެ ބަދަހިކަމާއި އަމާންކަން ގެއްލޭ ފަދަ ޚަބަރުތަކާއި، މުޖުތަމަޢު ބަލައިގަންނަ އަޚްލާގީ މިންގަނޑުން ބޭރު ވާހަކަތައް ފެތުރުން ހުއްޓުވުން. އިޖުތިމާޢީ ޒިންމާއެއްގެ ގޮތުގައި މީޑިއާގެ ދައުރު މީޑިއާއަކީ ހަމައެކަނި ވިޔަފާރިއެއް ނުވަތަ މަޢުލޫމާތު ފޯރުކޮށްދޭ ވަސީލަތެއް ނޫނެވެ. އެއީ މުޅި މުޖުތަމަޢުގެ ފިކުރާއި އާދަކާދައަށް ބޮޑެތި ނުފޫޒުތަކެއް ފޯރުވުމުގެ ޤާބިލުކަން ލިބިގެންވާ މުހިންމު ބާރެކެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، މީޑިއާގެ މި ބާރާއި ނުފޫޒު ބޭނުންކުރަންޖެހެނީ މުޖުތަމަޢުގައި ހެޔޮކަންކަން ފެތުރުމަށާއި ނުބައިކަންކަމާއި ފަސާދަ ހުއްޓުވުމަށެވެ. މި މަޤްޞަދު ޙާޞިލުކުރުމަށް ޓަކައި، ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ބޮލުގައި މުހިންމު ދެ ޒިންމާއެއް އެޅިފައިވެއެވެ. ފުރަތަމަ ކަމަކީ، މަޢުލޫމާތުގެ ސައްޙަކަމާއި އިންސާފުވެރިކަން ހިފެހެއްޓުމުގެ ފަންނީ ޒިންމާއެވެ. އަދި ދެވަނަ ކަމަކީ، ޢަދުލުވެރިކަމާއި އިންސާނީ ކަރާމާތާއި އިޖުތިމާޢީ ބަދަހިކަން ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ އަޚްލާގީ ޒިންމާއެވެ. މި ދެ ޒިންމާ ހަމަހަމަގޮތެއްގައި އަދާކޮށްގެން މެނުވީ، މީޑިއާއަކީ މުޖުތަމަޢު ބިނާކުރާ އިތުބާރު ހިފޭ ވަސީލަތެއްގެ ގޮތުގައި ދެމިއޮތުމަކީ ނާދިރު ކަމެކެވެ. އަޅުގަނޑުމެން ފަތުރާ ކޮންމެ ޚަބަރަކީ އަމާނާތެކެވެ. އެ އަމާނާތް އަދާކުރާއިރު ޤަސްދުގައި ނުވަތަ ފަރުވާކުޑަ ކުރުމުގެ ސަބަބުން ލިބޭ ކޮންމެ ގެއްލުމަކާމެދު ޤިޔާމަތް ދުވަހުގައި ޖަވާބުދާރީވާންޖެހޭނެއެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ