ދިގުރަށުގައި 5 ބިދޭސީން މަރުވުން: "ހާދިސާތަކާ ގުޅިގެން އެއް ހަމައަކުން އެހީވާނެ"
އދ. ދިގުރަށުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވެސް ދިވެހީންނާއި ބިދޭސީން ތަފާތުކުރުމެއް ނެތި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ. އެ ނުރައްކާތެރި ހާދިސާގައި ފަސް ބިދޭސީން ވަނީ މަރުވެފައެވެ. އަދި، އިތުރު ދެ މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މި ފަދަ ހިތާމަވެރި ހާދިސާއެއް ހިނގުމާ އެކު، ގިނަ ބަޔަކު ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރައްކާތެރިކަން ކަށަވަރުކުރަން އެންމެ އެކަށިގެންވާ މަސައްކަތްތަކެއް ނުކުރާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، އަލިފާނުގެ ހާދިސާތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މަރުވި ނަމަވެސް އެކަންކަމާ ގުޅިގެން އެންމެ ހަރުދަނާ ފިޔަވަޅުތައް ނާޅާކަމުގެ ޝަކުވާ އިތުރުވިއެވެ. އެންޑީއެމްއޭއިން މިއަދު ބުނީ، އެ އޮތޯރިޓީއަށް އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުނީ ހުކުރު ދުވަހު ފަތިހު ކަމަށެވެ. އެ ވަގުތުން ފެށިގެން ފުލުހުންނާއި ކައުންސިލް އިދާރާއާ ގުޅައިގެން މައުލޫމާތު ސާފުކޮށް، އެ ގޭގައި ދިރިއުޅުނު ބިދޭސީންގެ އަދަދާއި، އެ މީހުންގެ ހާލާއި، އެ މީހުންގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ވެސް ކޮށްފައިވާނެ ކަމަށެވެ. https://sun.mv/219312 "މި ފަދަ ހާދިސާތަކުގައި ގޯތިގެދޮރު ގެއްލިދާ ހުރިހާ ދިވެހިން އަދި ބިދޭސީންނަށް ވެސް، އެހީދިނުމުގެ ޤަވާއިދުގެ ތެރެއިން އިޖާބަ ދިނުމުގެ މަރުހަލާގައި އެއް ހަމައަކުން އެހީތެރިކަން ފޯރުކޮށްދެވެއެވެ. އަދި، އެހީތެރިކަން ބޭނުންވާ ބިދޭސީންނާއި އާންމު ފަރާތެއްވޭތޯ ކައުންސިލް މެދުވެރިކޮށް ބެލުނެވެ،" އެ އިދާރާއިން ބުންޏެވެ. އެންޑީއެމްއޭއިން ބުނީ، އަލިފާން ރޯވި ގެ ފިޔަވާ އިތުރު ތަނަކަށް ގެއްލުން ލިބިގެން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ބަޔަކު ނެތް ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށެވެ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މީހުންނާއި އިތުރު މައުލޫމާތު ރަސްމީކޮށް ހިއްސާކުރެވޭނީ ތަހުގީގު ނިމުމުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ. އަދި، ފަރުވާދެމުން އަންނަ ދެ މީހުން ފިޔަވާ ދެން ސަލާމަތްވި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. https://sun.mv/219121 އެ މީހުން ފިޔަވާ އިތުރު އެއްވެސް ބަޔަކު މި ހާދިސާއާ ގުޅިގެން އެހީތެރިކަމަށް އެދިފައިނުވާ ކަމަށް އެ އޮތޯރިޓީން ވަނި ބުނެފައެވެ. މި ހާދިސާއާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ދިގުރަށު ކައުންސިލުގެ ރައީސް އިބްރާހީމް އުސްމާން ވިދާޅުވީ، ބިދޭސީން އުޅެމުން ދިޔަ ގޭގައި ރޯވީ ގޭސް ލީކުވެގެން ކަމަށެވެ. ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން، އެ ގޭގައި ވަދެ ނުކުތުމަށް ހުންނަނީ އަލިފާން ރޯވި ބަދިގެއާއި އިންވެގެން ހުންނަ ދޮރު އެކަންޏެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުން މިދިޔަ ހުކުރު ދުވަހުގެރޭ ބުނީ، ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެ، ފަސް މީހުން ނިޔާވި ހާދިސާގައި، އެ އިމާރާތުން މީހުން ސަލާމަތްކުރަން ޖެހުނީ ގޭގެ ބިއްދޮށު ފާރު ތަޅައިލައިގެން ކަމަށެވެ. މީގެ ކުރިން ވެސް ބިދޭސީން ނިދާ ތަންތަނުގައި ރޯވެ، ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެ ގޮތުން، މީގެ ކުރިން ވެސް އެފަދަ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ 10 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ