ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުގެ ވެރިޔަކަށް ހުސައިން ރަޝީދު އައްޔަންކުރީ އުސޫލާ ހިލާފަށް! ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުގެ ވެރިޔަކަށް ހުސައިން ރަޝީދު އައްޔަންކުރީ އުސޫލާ ހިލާފަށް!

ފުލުހުންގެ އިދާރާގެ އެތެރޭގެ މިންގަނޑުތަކާއި އަހުލާގީ މައްސަލަތައް ބަލަހައްޓާ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުގެ ވެރިޔަކަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ރަޝީދު އައްޔަންކުރީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް ތުހުމަތު ކުރެވިއްޖެ އެވެ.
އަދަދު އަށް މައުލޫމާތު ދިން އިތުބާރު ހުރި މަސްދަރުތަކުން ބުނީ ހުސައިން ރަޝީދަކީ މީގެ 10 އަހަރު ކުރިން އަހަރު ކުރިން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މައްސަލައެއް ބަލައި، ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމަށެވެ.
މިފަދަ ރެކޯޑެއް އޮތް މީހަކު ފުލުހުންގެ އެންމެ ނުފޫޒުގަދަ އަދި ޒިންމާދާރު އެއް މަގާމަށް އައްޔަންކުރުމަކީ މުއައްސަސާގެ ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ. އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް ފަރާތްތަކުގެ ތެރޭގައި ފުލުހުންގެ ބައެއް އޮފިސަރުން ވެސް ހިމެނެ އެވެ.
ހުސައިން ރަޝީދު، ސްޕްރިންޓެންޓު އޮފް ޕޮލިސް މަގާމުގައި ހުއްޓައި 2016 ވަނަ އަހަރު އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަތަކާ ގުޅިގެން އެކަން ތަހުގީގުކޮށް ހަ މަސް ދުވަހުގެ މުއްދަތަކަށް ކައުންސިލުން ދިނުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމި އެވެ.
"މިފަދަ ފިޔަވަޅެއް އަޅާފައިވާ ފަރާތެއް އިސް މަގާމަކަށް އައްޔަން ނުކުރެވޭނެ،" ނަން ނުޖެހުމަށް ޝަރުތުކޮށް އަދަދު ނޫހާ ވާހަކަ ދެއްކި އެކަކު ބުންޏެވެ.
ޑިސިޕްލިނަރީ ފިޔަވަޅެއްގެ ރެކޯޑު އޮތް ފަރާތަކުން އެހެން ފުލުހުންގެ މައްސަލަތައް ބަލާ ބޯޑެއްގެ ވެރިޔަކަށް ހުރުމަކީ މުއައްސަސާގެ އަގުވެއްޓި، އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.
ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުގެ އިސް ވެރިޔާ ބަދަލުކޮށްފައި މިވަނީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަރުހަލާ ކުރިއަށްދާ ދަނޑިވަޅެއްގައެވެ. ސީޕީގެ މަގާމަށް ކުރިމަތިލާ ބޭފުޅުންގެ ބެކްގްރައުންޑް ޗެކް ކުރުމާއި، އެ ބޭފުޅުންގެ މައްސަލައެއް އޮތްތޯ ބެލުމުގައި ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އިސް ރޯލެއް އަދާކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮލިސް ކޮމިޝަނަރަކަށް ވުމަށް ޝައުގުވެރިކަން ހުރި ބައެއް މީހުންގެ މައްސަލަތައް މާދަމާގެ ކުރިން ނިންމުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
މިވަގުތު ސީޕީގެ މަސްއޫލިއްޔަތު އަދާކުރައްވަނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއެވެ. އޭނާއަކީ ސީޕީގެ މަގާމަށް ވާދަކުރައްވާ ބޭފުޅަކަށްވާއިރު، އޭނާގެ މައްޗަށް ވަނީ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައެވެ. މީގެ އިތުރުން ސީޕީގެ މަގާމަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ އޭސީޕީ އަހުމަދު ޝިފާން އާއި އޭސީޕީ އަހުމަދު މުހައްމަދު (ޓޫފޯ) ގެ މައްޗަށްވެސް ވަނީ މީގެ ކުރިން އެކި މައްސަލަތަކުގައި ފިޔަވަޅު އަޅާފައިވެ އެވެ.
މިފަދަ ދަނޑިވަޅެއްގައި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ވެރިޔާ ބަދަލުކުރީ ކީއްވެތޯ ސުވާލުކުރުމުން ފުލުހުން ބުނީ، އެއީ "އާންމު އުސޫލުން" ގެނައި ބަދަލެއް ކަމަށެވެ.
ސީޕީގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި މިދިޔަ ހޯމަ ދުވަހު ހަމަވިއިރު އެއްވެސް ފަރާތަކުން ކުރިމަތި ނުލުމުން މުއްދަތު މާދަމާގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ.
މި މަގާމު ހުސްވީ ކުރީގެ ސީޕީ އިސްމާއިލް ނަވީން މިދިޔަ ފެބްރުއަރީ މަހު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. މިއީ މި ސަރުކާރުގެ ދައުރުގައި ރިޓަޔާ ކުރެއްވި ދެވަނަ ސީޕީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ