ގާސިމް ޒުވާނުންނަށް: ހާސް ކަނޑާލާ، ހުރިހާ ކަމެއްވެސް ހަމަޖެހިގެންދާނެ

ޖުމްހޫރީ ޕާޓީން ފެށި މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށާ ޒުވާނުންނަށް ބޭނުން ހުރިހާ ކަމެއް އޭރުން ހަމަޖެހިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.ގާސިމް މިހެން ވިދާޅުވީ "ފުރަވީރުން" ނަމުގައި ރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި އޮތް ޒުވާނުންގެ ހާއްސަ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަރަކާތަކީ ގާސިމްގެ އަނބިކަނބަލުން / ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިސްނަންގަވައިގެން ބޭއްވެވި ހަރަކާތެކެވެ.މިއުޒިކާއި ނެށުމުގެ ހަރަކާތްތަކާއެކު ކުރިއަށް ދިޔަ މި އިވެންޓްގެ ތެރެއިން ގާސިމް އިބްރާހިމަށް ވަނީ ސަޕްރައިޒެއްގެ ގޮތުގައި އެ ޕާޓީއަށް ސޮއިކުރި ގިނަ އަދަދެއްގެ ޒުވާނުންގެ ފޯމްތައް ނަހުލާ ވަނީ ގާސިމާއި ހަވާލު ކުރައްވާފައެވެ.ގާސިމް ވިދާޅުވީ، ޖޭޕީން މަސައްކަތް ކުރާނީ "އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާއި އެކު" މި ގައުމު ޒުވާނުންނާއި ހަވާލުކުރުމަށް ކަމަށެވެ. އަދި ގައުމުގެ މުސްތަގުބަލަކީ މިއަދުގެ ކުޑަކުދިންކަން ފާހަގަކުރައްވަމުން އޭނާ ވަނީ އަމާނާތްތެރިކަމާއި އެކު އެ މީހުންނަށް ގައުމު ވާސިލުކޮށްދިނުމަށް އިލްތިމާސްކުރައްވައިފަ އެވެ.އެހެން ވިދާޅުވުމަށް ފަހު ގާސިމް ތަކުރާރުކުރެއްވީ އަބަދުވެސް ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރާނެކަމުގެ ވާހަކަ އެވެ."ހަމަ ކަށަވަރުން ވެސް އަޅުގަނޑު އަބަދުވެސް މަސައްކަތްކުރަނީ ގައުމުގެ ތަރައްގީއަށް. ގައުމުގެ ކުރިއެރުމަށް އަދި އެހެންކަމަށް ވަންޏާ އެ މަސައްކަތްކުރުމުގައި އެމީހަކު ހުންނާނީ އަބަދު ވެސް ގައުމުގެ ޒުވަނުންނާއި ޅަކުދިންނާއި ވެސް އެކީގައި،" ގާސިމް ވިދާޅުވި އެވެ.ގާސިމް ވަނީ ޒުވާނުން ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޖުމްހޫރީ ޕާޓީން ފެށި މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ."ހާސް ކަނޑާލާށޭ. ހަމަޖެހިގެން ދާނެއޭ. އަދި އަޅުގަނޑުމެން ކާމިޔާބުވެސް ކުރާނަމޭ ﷲ އިރާދަކުރެއްވިއްޔާ،" ގާސިމް ވިދާޅުވި އެވެ. އެ ހަރަކާތް އިންތިޒާމްކުރުމުގައި އެންމެ އިސްކޮށް އުޅުއްވި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަރު ނަހުލާ ދެއްކެވި ވާހަކައިގައި އޭނާ ވަނީ ޖޭޕީގެ ހަރަކާތްތައް ފުޅާކޮށް އެއީ ޒުވާނުންގެ ޕާޓީއަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ. ގާސިމްގެ އަނބިކަނބަލުން ނަހުލާ ވިދާޅުވީ، މިފަހުންވެސް 2000 އަށް ވުރެ ގިނަ ޒުވާނުން އެ ޕާޓީއާ މުޅިން އަލަށް ގުޅިފައިވާ ކަމަށެވެ. ނަހުލާ ވަނީ ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަށް ޖުމްހޫރީ ޕާޓީ ހައްދަވާނެ ކަމަށްވެސް ރޭ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ