ޔާމީން މިނިވަން ވާނީ ރައީސަށް ދެވަނަ ދައުރެއް ލިބުމުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން އަވަހަށް މިނިވަންވެވަޑައިގަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ލިބުމުން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޖާބިރު ވިދާޅުވީ ޔާމީން ދެން ރާއްޖޭގެ ވެރިކަމަށް ވަޑައިނުގަންނަވާނެ ކަމަށާއި އެކަން ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ވެސް ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި މިވަގުތު ރަނގަޅު ގޮތަކީ ޔާމީން ވެސް ޖަލުގައި ބަސް އަހައިގެން އިނދެ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބޭތޯ ދުއާކުރުން ކަމަށް ޖާބިރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ނަސޭހަތަކީ ޔާމީން ވެސް ބަސް އަހައިގެން މި ލިބުނު ފުރުސަތުގައި ޖަލުގައި އިންނަވައިގެން ގުރުއާން ކިޔަވައިގެން ﷲ އަށް ދުއާކުރައްވައިގެން، ރައީސް ސޯލިހު ހޮވޭތޯ ދުއާކުރައްވާށޭ. އޭރުންނޭ އަވަހަށް މިނިވަން ވާނީ." ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުވުމުން ޔާމީން މިނިވަން ކުރުމާ ގުޅޭގޮތުން އެމަނިކުފާނާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެގޮތުން ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު އެއްވެސް ސިޔާސީ ހަރަކާތެއްގައި ނޫޅެވޭ ގޮތަށް ޔާމީނަށް "އަފޫ އާންމު" ދެއްވުމަށް ރައީސަށް ދަންނަވާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.
ޔާމީން ކަންތައް ކުރެއްވީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި އަދި ވެރިކަން ކުރެއްވީ ވެސް ރައްޔިތުންނަކީ އެއްވެސް ބަޔަކަށް ނަހަދާ ކަމަށް ޖާބިރު ވިދާޅުވި އެވެ.
ޔާމީން މިވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އައީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ