މި ދައުރު ނިމޭއިރު ސަރުކާރު ކުންފުނިތަކުގެ ވެރިން ތިބޭނީ ޖަލުގައި: މުޙައްމަދު ރަޝީދު

އެމްޑީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރުގެ މި ދައުރު ނިމޭއިރު މިހާރު ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭބޭފުޅުން ތިއްބަވާނީ ޖަލުގައި ކަމަށް މަޖިލީހުގެ މައްޗަށްގޯޅި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ. 
މުޙައްމަދު ރަޝީދު މިފަދައިން ވިދާޅުވެފައިވަނީ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ހުށައަޅުއްވާފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި އަދި ރެގިއުލޭޓުކޮށް މޮނިޓާކުރެވޭނެ ޤާނޫނެއް އެކުލަވާލުމަށް އެދި ގޮވާލާ ޤަރާރަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ނެވެ. 
އެ ޤަރާރަކީ މުޙިންމު ޤަރާރެއްކަން ފާހަގަކުރައްވާ މުހައްމަދު ރަޝީދު ވިދާޅުވީ ކުންފުނިތަކުގެ ޤާބިލުކަން ނެތް ވަރުން ކުންފުނިތައް ހިންގަމުންދަނީ އެ ކުންފުނިތަކުގައި ތިއްބެވި އިސް ފަރާތްތައް މަޤާމުތަކުގައި ތިބުމަށް ކަމަށެވެ. 
Advertisement
ސަރުކާރު ކުންފުނިތަކުން ހިންގާ ކޮރަަޕްޝަންގެ ބައެއް އަމަލުތަކަށް ވެސް މުހައްމަދު ރަޝީދުގެ ވާހަކައިގައި ވަނީ އަލުއަޅުވާލައްވާފަ އެވެ. 
"މިފަހަރު ފެނިގެން މި ދިޔައީ އެމްއާރުޑީސީ ކިޔާ ކުންފުންޏެއް އޮއްވާ އޭގެ ފުދޭވަރަކަށް ގިނަ ވެހިކަލްތަކާއި ވަރަށް ބޮޑު ފްލީޓެއް އޮއްވާ އެ ކުންފުނި އޮވެފަ، އާރުޑީސީއެއް އުފެދިފަ އެ ވެހިކަލްތައް މިހާރު ވީ ހިސާބެއްވެސް ނޭނގޭ. އަޅުގަނޑުމެންނަށް ބައެއް ފަހަރު އިވޭ އެމްޓީސީސީއަށް ކުއްޔަށް ދީފައި އެނަމުގައި ހުރިތަން. އެމްއާރުޑީސީގެ ހުރި ވެހިކަލްތައް އާރުޑީސީއަށް ބަދަލުވުމުގެ ތެރޭގައި އެ ވެހިކަލްތައް ގޮއްސަހުރި ހިސާބެއް ނޭނގޭ. އެމްޓީސީސީއަށް ކުއްޔަށް ދީފަ ހުރިކަމަށް އެބަ ތުހުމަތުކުރޭ" 
މައްޗަށްގޯޅި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު
މުހައްމަދު ރަޝީދު ވިދާޅުވީ ކުންފުނިތަކުގެ ދަރަނި އިންތިހާއަށް އިތުރުކޮށް ކުންފުނިތައް މެދުވެރިކޮށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ކުންފުނިތައް ހިންގުމާއި ހަވާލުވެ ތިއްބެވި ބޭފުޅުން ހިންގަމުންދާ ކަމަށެވެ.
އެގޮތުން ސަރުކާރު ކުންފުނިތަކުގެ ގޮފިތައް އެކި ސަރަހައްދުތަކުގައި ހުޅުވާ ކުންފުނީގެ ގާބިލްކަން ތަންނުދޭ މިންވަރުން ހިންގަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ. 
"ދެން ފެނަކަ! ބައެއް ބޭފުޅުން ވިދާޅުވަނީ އެސްއޯއީތަކުން ފައިދާވާކަށް ނުޖެހެޔޭ. ފައިދާވާން ނުޖެހުނަސް ދަރާކަށް ނުޖެހޭ. ދަރަނިވެރިވާކަށް ނުޖެހޭ. ކޮންމެ ރަށެއްގައި ސްޓޭޝަނެއް އިންނަން އެބަ ޖެހޭ. ގެއެއް އިންނަން ޖެހޭ ނޫނިއްޔާ ހަޓެއް އިންނަން ޖެހޭ. ކޮންމެސް އެއްޗެއް އިންނަން ޖެހޭ.. އިންނަން ޖެހޭ ސަބަބެއް ނެތް ލާރި ނުލިބެންޏަކާ. މަސައްކަތް ކުރާ މީހުންނަށް ފައިސާ ނުދެންޏާ އުޖޫރަ ނުދެންޏާ އެކަން ކުރުވާނެ ކަމެއް ނެތް. ނެތް އެއްޗަކުން ކަން ކުރަނީ ކީއްކުރަންތޯ؟ މިހާރުވެސް ބަނގުރޫޓުވެފަ ކުންފުނި"
މައްޗަށްގޯޅި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު
ސަރުކާރު ކުންފުނިތައް ކޮރަޕްޝަންގެ ހާއްޔަކަށް ބަދަލުވަމުންދާކަން ފާހަގަކުރައްވާ މުހައްމަދު ރަޝީދު ވިދާޅުވީ ކުންފުނިތަކުން ކޮރަޕްޝަން ހިންގުމަށް ހުޅުވާލާފައި ބާއްވަނީ ދެވަނަ ދައުރެއް ހޯދުމަށް ކަމަށެވެ. އަދި ކުންފުނިތަކުގެ އިސްވެރިން އެ މަޤާމުތަކުގައި ދެމިތިބުމަށް ކަމަށެވެ. 
އެހެން ނަމަވެސް، އެ ފުރުސަތު އެ ފަރާތްތަކަށް ނުދެއްވާނެ ކަަމަށާއި މި ދައުރު ނިމޭއިރު މިހާރު ސަރުކާރު ކުންފުނިތަކުގައި ތިއްބަވާ ހުރިހާ އެންމެން ތިއްބަވާނީ ޖަލުގައިކަމަށް މެމްބަރު މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ. 
"ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މަޖިލީހުން ކުރަމުންދިޔަ އެތައް މަސައްކަތެއްވެސް ހުއްޓިފަ މި ހުރީ މި އެސްއޯއީތަކުގައި ތިބި ވެރިންގެ ބާރުވެރިކަމާ، އެބޭފުޅުން ދެވަނަ ދައުރަކަށް ތިބެންވެގެން މިތާކުރި މަސައްކަތްތަކާއި މިހިރި މަސައްކަތްތަކުގެ ސަބަބުން މިހާރުވެސް އަޅުގަނޑުމެންނަށް މި އުޅެނީ ކަރަޕްޝަންގެ މައްސަލަތައް ނުބެލިގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނުދޭނަން އެސްއޯއީތަކުގައި ތިބި ވެރިންނަށް ދެވަނަ ދައުރެއްގެ ފުރުސަތެއް. މި ދައުރު ނިމޭއިރު އެބޭފުޅުން ތިބޭނީ އިރާދަކުރެއްވިއްޔާ ޖަލުގައި"
މައްޗަށްގޯޅި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު
ސަރުކާރުގެ ކުންފުނިތަކުގެ ކޮރަޕްޝަން ހުއްޓުވާ ކުންފުނިތައް ހަމަމަގަށް އެޅުމަށް އިލިޔާސް ލަބީބުގެ ޤަރާރާއި އެއްގޮތަށް އަމަލުކުރަން ޖެހޭކަމަށް މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވިއެވެ. އަދި އެކަން ކުރަންވީ ސަރުކާރުން އިސްނަގައިގެންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ