އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލުން މަގު ފާރަވެރިން ބައިތިއްބަން ނިންމައިފި
މާލެއާއި ވިލިމާލެއެކޭ އެއްގޮތަށް ހުޅުމާލޭގައި ވެސް ކޮމިއުނިޓީ އެންގޭޖްމަންޓް ސާވިސް ނުވަތަ މަގު ފާރަވެރިން މެދުވެރިކޮށް ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތް ފަށަން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ. ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޣާލިބު މިއަދުގެ ކައުންސިލް ބައްދަލުވުމަށް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރެއްވީ ހުޅުމާލެއަކީ ވަރަށް ހަލުވި މިނެއްގައި އާބާދީ އިތުރުވަމުންދާ ތަނެއް ކަމަށެވެ. ޚާއްސަކޮށް ފޭސް ދޭއްގެ އާބާދީ ދަނީ ވަރަށް ބާރަށް އިތުރުވަމުން ކަމަށާއި މުނިސިޕަލް ޚިދުމަތްތައް ލިބުމުގައި ރައްޔިތުންނަށް އިންތިހާއަށް ދަތި އުނދަގޫ ކަންތައްތައް ހުރުމާއެކު އެ ޚިދުމަތް ރަނގަޅަށް ނުލިބޭތީ ރައްޔިތުންނަށް ދިމާވާ މި ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަކީ ކައުންސިލުން ކުރަންޖެހޭނެ އަދި ކައުންސިލްގެ ޒިންމާއެއް ކަމަށް ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު މީހުން ދިރިއުޅޭ ބައެއް ސަރަހައްދުތައް އިންތިހާއަށް ގޮނޑުވެފައި ވުމާއި، ބައެއް ފްލެޓް އިމާރާތްތައް ހިމެނޭ ސަރަހައްދުތަކުގައި ރޭގަނޑު ބޭރަށް ނުކުމެ އުޅުމަށް އާންމުން ބިރުގަންނަ ވަރަށް އަނދިރިކޮށް އޮތް ހިނދު، އިޖުތިމާއީ ރައްކާތެރިކަމާއި މަގުތަކުގެ އަމާންކަން ކުޑަވެ، ކުށުގެ ވެއްޓަކަށް މި ޗާލު ސިޓީ ބަދަލުވަމުންދާ ކަމަށް އެ މައްސަލައިގައި ޣާލިބު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މާލެ އަދި ވިލިމާލެއެކޭ އެއްގޮތަށް ހުޅުމާލޭގައި ވެސް ކޮމިއުނިޓީ އެންގޭޖްމަންޓް ސާވިސް ނުވަތަ މަގު ފާރަވެރިން މެދުވެރިކޮށް ރަށުތެރެ ބެލެހެއްޓުމުގެ ޒިންމާ ކައުންސިލުން ނަގައި، އެ ޚިދުމަތް ވީހާވެސް އަވަހަށް ހުޅުމާލޭގައި ފަށައި ދެވޭނެ ގޮތެއް ހޯދަން ޣާލިބު އެދިވަޑައިގަތެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައި ދިނުމަށްޓަކައި އެ ޚިދުމަތް ވީހާ ވެސް އަވަހަށް ހުޅުމާލޭގައި ފެށުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. މިއަދުގެ ކައުންސިލް ޖަލްސާގައި ވަނީ މި މަސައްކަތް ހުޅުމާލޭގައި ފެށުމަށް ފާސްކޮށްފައެވެ. މަގު ފާރަވެރިންގެ މަސްއޫލިއްޔަތުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މުނިސިޕަލް ޚިދުމަތްތަކެވެ. މަގުމަތީގައި ދުއްވާ އުޅަނދުފަހަރު ދުއްވަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި މަގުމަތީގައި ޕާކުކޮށްފައިވާ އުޅަނދުތައް ޕާކު ކޮށްފައި ވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި މަގުމައްޗާއި ޕޭވްމެންޓްގައި ބަހައްޓާފައިވާ ތަކެތި ހުންނަނީ އާންމުންނަށް އުނދަގޫވާ ގޮތަށްތޯ ބެލުމާއި ރިޕޯޓް ކުރުން ފަދަ ކަންކަން ހިމެނެއެވެ. އަދި މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށް ވެސް މަގު ފާރަވެރިން މުހިންމު ރޯލެއް އަދާކުރާނެއެވެ. މިހާރު މަގު ފާރަވެރިންގެ ޚިދުމަތް މާލެ އަދި ވިލިމާލޭގައި ދަނީ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ