ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ލިބޭ ފައިދާތައް ހާދަބޮޑެވެ!

ފުރަތަމަ ފާހަގަކޮށްލަން ބޭނުންވަނީ އެންމެ އުފާވެރި ކަންތަކެވެ. އެއީ މިސްކިތްތަކުގައި ޤުރްއާން ކިޔަވަންތިބޭ މީހުން ގިނަވަމުން އަންނަކަމެވެ. ނަމަވެސް ގޭގޭގައި ޤުރްއާން ކިޔަވާ މިންވަރު އިތުރުވަމުން އަންނަކަމަށް ބުނަން ވަރަށް އުނދަގުލެވެ. ސަބަބަކީ ގޭތެރޭގެ މާޙައުލު އޮންނަ ގޮތުން ކަމަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އެހެންކަމުން ޤުރްއާން ކިޔެވުމާއިމެދު އިތުރަށް ވިސްނައިލުމަށް ނަޞޭޙަތްތެރިވަމެވެ.
ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ.
"ޤުރްއާން ކިޔެވުމުގެ މާހިރަކީ (ފަރިތަކަމާއިއެކު ޤުރްއާން ކިޔަވާ މީހާއަކީ) ﷲ ތައާލާ އާއި އެންމެ ކުއްތަން ކުރެވި، އަރިސްކުރެވިގެންވާ މަލާއިކަތް ބޭކަލުންނާއި އެކުގައިވާ މީހެކެވެ. އަދި ކޮށިކަމާއިއެކުގައި (ކޮށަކޮށައިގެން) ވެސް ޤުރްއާން ކިޔަވާ މީހާއަކީ އެކަމަށް އޭނާ ދަތި އުނދަގޫ ވޭންތަކެއް އުފުލާއިރުގައިވެސް އެ ޤުރްއާން ކިޔެވުމަށް މަސައްކަތްކުރާ މީހާ އަށް 2 އަޖުރު މާތް ﷲ ދެއްވަވާނެއެވެ. އެއީ އުނދަގުލާއި އެކުގައިވެސް އޭނާ ޤުރްއާން ކިޔަވަން މަސައްކަތްކުރީތީއެވެ. އަދި ޤުރްއާން ކިޔެވީތީ އޭނާއަށް ދެއްވަވާ އަޖުރާއި ޘަވާބެވެ."
"ތިއަބައިމީހުންގެ ތެރޭގައިވާ އެންމެ ހެޔޮ މީހަކީ ޤުރްއާން އުނގެނި އަދި އެހެން މީހުންނަށް ޤުރްއާން އުނގަންނައިދޭ މީހާ" ކަމަށްވެސް ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ.
އެހެން ޙަދީޘްފުޅެއްގައި ޤުރްއާން ކިޔަވާ މީހާގެ ސިފަ ބަޔާން ކުރައްވަވަމުން ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ކީރިތި ޤުރްއާން ކިޔަވާ މީހާގެ މިސާލަކީ އުތުރުއްޖާ (ސިޓްރޯން)ގެ މިސާލެވެ." އެއީ ވަރަށް މީރުވަސް ދުވާ އަދި ރަހަވެސް މީރު މޭވާއެކެވެ. ކީރިތި ޤުރްއާން ކިޔަވާ މީހާގެ މިސާލު ޖައްސަވާފައި މިވަނީ ވަސްވެސް މީރު އަދި ރަހަވެސް މީރު މޭވާއެއްގެ މިސާލުގައެވެ.
"އަދި ޤުރްއާން ނުކިޔަވާ މީހާގެ މިސާލަކީ ކަދުރުއޮށެއްގެ މިސާލެވެ. އެހެނީ އެއިގައި އެއްވެސް މީރުވަހެއް ނުދުވައެވެ. ނަމަވެސް ރަހަ ވަރަށް މީރެވެ."
ވީމާ އަޅުގަނޑުމެން ވީހައި ގިނައިން ޤުރްއާން ކިޔަވަން އެބަޖެހެއެވެ. ޤިޔާމަތް ދުވަހަކީ އެއްވެސް އަތްބެއް ދަރިއެއް އަދި އެނޫންވެސް އެއްވެސް މީހެއްގެ ކިބައިން އެއްވެސް ފައިދާއެއް ކުރާނެ ދުވަހެއް ނޫނެވެ. ނަމަވެސް ކީރިތި ޤުރްއާން ކިޔެވި މީހާއަށް ޝަފާޢަތްތެރިވާން ޤުރްއާން އަންނާނެތެވެ.
ޙަދިޘްފުޅުގައި ވަނީ "ތިއަބައިމީހުން ޤުރްއާން ކިޔަވާށެވެ! ހަމަކަށަވަރުން ޤިޔާމަތް ދުވަހު އެއިގެ އަހުލުވެރިންނަށް ޝަފާޢަތްތެރިވާ އެއްޗެއްގެ ގޮތުގައި ޤުރްއާން އަންނާނެތެވެ. އެ ޤުރްއާން އައިސް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނެތެވެ. ހައްދަވައި ގެންގުޅުއްވަވާ އިލާހްއެވެ. ތިމަންނާގެ ޝަފާޢަތް އޭނާއަށް ދެއްވަވާށެވެ!"
އެހެންކަމުން އަޅުގަނޑުމެން ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ ޤުރްއާނުގެ އަހުލުވެރިއަކަށްވެވޭތޯއެވެ. ގިނަގިނަގިނައިން ޤުރްއާން ކިޔަވައި ޤިޔާމަތް ދުވަހު ޤުރްއާނުގެ ޝަފާއަތް ލިބޭ ފަދަ ބައަކަށް ވެވޭތޯއެވެ! ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީ ވެސް އެފަދަ ބައަކު ކަމުގައި ލައްވަވައިދެއްވެވުމެވެ. އާމީން
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ