ގައިދީންގެ ބޯކޮށުމަކީ އިހުތިޔާރީ ކަމަކަށް ހަދަން އެޗްއާރުސީއެމުން އެދެފި
ގައިދީންނާއި ބަންދުކުރާ މީހުންގެ ބޮލާއި މަތިމަސް/ތުނބުޅި ކޮށުން ނުވަތަ ބޭލުން މަޖުބޫރުނުކޮށް ގައިދީންގެ އިހުތިޔާރީ ކަމެއްގެ ގޮތަށް ގާނޫނާއި ގަވާއިދު ބަދަލުކުރަން އެޗްއާރުސީއެމުން ކަރެކްޝަންސަށް ހުށަހަޅައިފި އެވެ.ފިރިހެން ގައިދީންނާއި ޖަލުގައި ބަންދުކުރެވޭ މީހުންގެ ބޯކޮށުމާ ގުޅޭގޮތުން އެޗްއާރުސީއެމްގެ ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ޕޮލިސީ ރިވިއުއެއް އެ ކޮމިޝަނުން މިއަދު ވަނީ ޝާއިއުކޮށްފަ އެވެ.މިއަދު އާންމުކުރި ކަރުދާހެއްގައި ބުނީ ޖަލު ބަންދުގައި ތިބޭ މީހުންގެ ބޮލުގެ އިސްތަށިގަނޑު ވަކި ވަރަކަށް ކޮށާފައި ބަހައްޓަން ގަވާއިދުތަކާއި އުސޫލުތަކުން މަޖުބޫރު ކޮށްފައި އޮތުމަކީ ދުނިޔޭގެ ތަހުޒީބު މުޖުތަމައުތަކުގައި ކުރަމުން އަންނަ ކަމެއް ނޫން ކަމަށެވެ.އެގޮތުން އދ. ގެ ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯ ދަ ޓްރީޓްމެންޓް އޮފް ޕްރިޒަންސް (މަންޑޭލާ ރޫލްސް) އާއި އެސޯސިއެޝަން ފޯ ދަ ޕްރިވެންޝަން އޮފް ޓޯޗާ (އޭޓީޕީ) ގެ މިންގަނޑުތަކުގައި ބޮލުގެ އިސްތަށިގަނޑާއި ތުނބުޅިމަތިމަސް ކޮށައި ސާފުކޮށް ބެހެއްޓުމަކީ އެމީހެއްގެ އަމިއްލަ ސާފުތާހިރުކަމާ ގުޅިފައިވާ ކަމެއްކަމަށް ބަޔާން ކޮށްފައިވާކަން އެޗްއާރުސީއެމުން ފާހަގަކޮށްފައިވެ އެވެ.ނަމަވެސް ރާއްޖޭގެ ޖަލުތަކުގައި ބަންދު ކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވާއިދުގައި ގައިދީންގެ ބޮލާއި ތުނބުޅި އަދި މަތިމަސް ވެސް ދެ ސެންޓިމީޓަރަށް ވުރެ ދިގު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައި އޮންނަކަން އެޗްއާރުސީއެމުން ފާހަގަކޮށްފައިވެ އެވެ. އަދި، އެ ގަވާއިދާ އެއްގޮތަށް އަމަލު ނުކުރާ ގައިދީންގެ މައްސަލަތައް ބަލައި އެމީހުންނާ މެދު ޑިސިޕްލިނަރީ ފިޔަވަވަޅު އެޅޭނެކަމަށް އެ ގަވާއިދުގައި ލިޔެފައި ވާތީ އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.އެ ގަވާއިދަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުން ބާރު ލިބިގެން އެކުލަވާލައި އަމަލު ކުރަމުންދާ ގަވާއިދަކަށް ވާއިރު، ވަކި ވަރަކަށް ބޮލުގެ އިސްތަށިގަނޑު ބެހެއްޓުމަކީ އަހުލާގީ މިންގަނޑު ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބަޔާން ކޮށްފައި ނުވާކަން އެޗްއާރުސީއެމްގެ ކަރުދާހުގައި ފާހަގަކޮށްފައިވެ އެވެ.އެޗްއާރުސީއެމުން ވަނީ މިހާރު އަމަލުކުރާ ގާނޫނާއި ގަވައިދު އަދި އުސޫލުތަކުގައި ގައިދީންގެ ބޯކޮށުމާ ގުޅޭ ކަންކަން ހިމަނާފައި އޮތް ގޮތް އިންސާނީ ހައްގުތަކުގެ ނަޒަރުން ބަލައި އިސްލާހުކުރުމަށް ކަމާގުޅޭ އިދާރާތަކަށް އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ