ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އާސަންދަ ނުދޭން ގޮވާލައިފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އާސަންދަ ސްކީމްގެ ދަށުން ބޭސް
ފަރުވާ ނުކުރެވޭ ގޮތް ހެދުމަށް ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ގޮވާލައްވައިފި
އެވެ.
މެމްބަރު މިގޮތަށް ގޮވާލެއްވީ، ދުންފަތާއި އޭގެ ބަދަލުގައި ބޭނުންކުރާ
ބާވަތްތަކުގެ އިތުރުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރަން ބޭނުންކުރާ
އާލާތްތަކުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އިމްޕޯޓް އެކްސްޕޯޓްގެ
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުން ނެވެ.
އެ ބިލާ ގުޅިގެން ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ދުންފަތުގެ
އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކަށް އާސަންދަ މެދުވެރިކޮށް ފަރުވާ ކުރެވޭ
ގޮތަށް އޮތުން ހުއްޓާލަން ޖެހޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި މެމްބަރު ވިދާޅުވީ،
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއްކަން އެނގި ހުރެ
އެކަން ގިނަ ބަޔަކު ކުރަމުންދާތީ އެވެ.
" އެއީ ހަގީގަތުގައި ސިއްހަތަށް ގެއްލުން ހުރި ކަމެއްކަން
ރައްޔިތުންނަށް އެނގޭ. އެނގޭއިރުގައި މިފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރުން
އަޅާ ފިޔަވަޅުތަކާއި ހަރުދަނާ އުސޫލުތަކުގެ ތެރޭގައި ރައްޔިތުން އެބަ ފެތެންޖެހޭ."
މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.
މިކަން ފާހަގަކުރައްވަމުން މެމްބަރު ވިދާޅުވީ، ކޮންމެ އިސްލާހެއް
ގާނޫނުތަކާއި ގަވާއިދުތަކަށް ގެނެވުނު ނަމަވެސް، އެކަންކަން ރަނގަޅަށް ތަންފީޒު
ނުކުރެވޭނަމަ ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ.
ވޭޕްއާއި ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ ބިލު ދިރާސާކުރުމަށް
މިހާރު ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ