ދުވާލަކު 2 ސިނގިރޭޓު ބުއިމުން ވެސް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ދެގުނަވޭ: ދިރާސާ

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެ ކަމާ ދުރުވުމަކީ އުނދަގޫ ކަމަކަށްވެފައިވާއިރު ބައެއް މީހުން ދުވާލެއްގެ މައްޗަށް ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު އިހުނަށްވުރެ މަދުކޮށްލައެވެ. އޭގެ ބޭނުމަކީ ކުއްލިއަކަށް ދުންފަތާ ދުރުވުމަކީ އުނދަގޫ ކަމަކަށްވެފައި އެ އާދަ މަޑުމަޑުން ފިލުވާލުމެވެ. ނަމަވެސް, ދާދިފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ދުވާލަކު 2-5 އާ ދެމެދުގެ އަދަދަކަށް ސިނގިރޭޓް ބުއިމުން ވެސް ހަށިގަނޑަށް އޭގެ ގެއްލުންވެ، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ދެގުނަ އިތުރުވެއެވެ. އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ކާޑިއޮލޮޖިސްޓް ޑރ. ބަލްބީރު ސިންގް ވިދާޅުވި ގޮތުގައި ސިނގިރޭޓް ބުއިން ހުއްޓާލުމަށް ފަހު، އެއްވެސް އިރެއްގައި ސިނގިރޭޓް ނުބޯ މީހަކާ އެއްފަދަ ސިއްހަތެއް ލިބުމަށް 30 އަހަރު ނުވަތަ އެއަށްވުރެ ވެސް ގިނަ ދުވަސް ނަގާފާނެއެވެ. އެހެންކަމުން ހިތުގެ ބަލިތައް، ޚާއްސަކޮށް ޒުވާން އުމުރުގައި ހާޓް އެޓޭކެއް ޖެހި އެ ކަމަށް ފަރުވާ ލިބިގަތުމަށް ޑރ. ބަލްބީރު ސިންގް ގާތަށް ދާ ބަލިމީހުންނަށް ދެއްވާނެ އެންމެ ރަނގަޅު ނަސޭޙަތަކީ އެ ހިނދުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ. ޑރ.ބަލްބީރު ސިންގް--ފޮޓޯ/ފޭސްބުކް އޭގެ ތެރެއިން ގިނަ ބަޔަކު ޑރ. ބަލްބީރު ސިންގްގެ ނަސޭޙަތް ގަބޫލުކޮށް ސިނގިރޭޓް ބުއިން ހުއްޓާލުމަށް ފަހު ހިތުގެ ބަލިން ސަލާމަތްވެ، އާދައިގެ ދިރިއުޅުމަށް އެނބުރި އާދެވުމާ އެކު އަނެއްކާ ވެސް ދުންފަތުގެ އިސްތިއުމާލުކުރަން ފަށާކަން ފާހަގަކުރެވޭ ކަމަށް ޑރ. ބަލްބީރު ވަނީ ވިދާޅުވެފައެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ އަހަރުތަކަކަށް އެ ކަމަށް އާދަވެވިފައިވާ ކަމެއްކަމުން ކުއްލިއަކަށް އެކަން ހުއްޓާލުމަކީ ފަސޭހަކަމެއް ނޫން ކަމަށް ބުނެ، އެ އާދަ މަޑުމަޑުން ހުއްޓާލުމަށް ބައެއް މީހުން މަސައްކަތްކުރާކަން ފާހަގަކުރެވޭ ކަމަށް ވެސް ޑރ. ބަލްބީރު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، ހިތަށް ލިބޭ ގެއްލުމުގެ މައްސަލައަށް ބަލާއިރު، ސިނގިރޭޓް އެއްވެސް ވަރަކަށް ނުބުއިމަކީ ބަދަލުނުކުރެވޭނެ އުސޫލެއް ކަމަށާއި ގިނަ ދުވަހު ސިނގިރޭޓް ބުއިމުގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރުތައް ފިލުވުމަށް 20 އަހަރު ނަގާ ކަމަށް ޑރ. ބަލްބީރުގެ ލިޔުމެއްގައި ވަނީ ފާހަގަކުރައްވާފައެވެ. މެކްސް ހެލްތުކެއާގެ ކާޑިއެކް ސައިންސްގް ޗެއާމަންގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން އަންނަ ޑރ. ބަލްބީރު ސިންގް ވިދާޅުވީ، ދުވާލަކު އެންމެ ސިނގިރޭޓެއް ބުއިމުން ވެސް ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވާ ކަމަށެވެ. އެކަން ދާދި ފަހުން ކުރި ދިރާސާއަކުން ވެސް ދައްކާފައިވާ ކަމަށާއި ދުންފަތުގެ އިސްތިއުމާލު އެއްވެސް ވަރަކަށް ނުކުރާ މީހުންނާ އަޅާކިޔާއިރު ދުންފަތުގެ އާދަ ހިފާފައިވާ މީހުން އެކަމާ ގުޅިގެން މަރުވުމުގެ ފުރުސަތު 60 އިންސައްތަ އިތުރުވާ ކަމަށް ޑރ. ބަލްބީރު ވަނީ ވިދާޅުވެފައެވެ. މި ދިރާސާއަކީ އެމެރިކަން ހާޓް އެސޯސިއޭޝަންގެ ޓޮބެކޯ ސެންޓަ ފޯ ރެގިއުލޭޓަރީ ސައިންސްގެ އެހީތެރިކަމާ އެކު ކުރި ދިރާސާއެކެވެ. މި ދިރާސާއަކީ އެމެރިކާގެ 3،20،000 ޒުވާނުންގެ މެދުގައި 20 އަހަރުވަންދެން ކުރި ދިރާސާއެކެވެ. މި ދިރާސާގެ ނަތީޖާގެ މައްޗަށް ބިނާކޮށް ޒުވާނުންނަށާއި މިހާރު ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ވެސް ޑރ. ބަލްބީރު ދެއްވާނެ ނަސޭހަތަކީ މިހާރުން މިހާރަށް ސިނގިރޭޓް ބުއިން ހުއްޓާލުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ. ދުންފަތުގެ އަމަލާ ދުރުވުން އަވަސްކުރި ވަރަކަށް ހިތުގެ ބަލިޖެހުމުގެ ނުރައްކަލުން ސަލާމަތްކަން ހޯދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ޑރ. ބަލްބީރު ވަނީ ވިދާޅުވެފައެވެ. "ނިކޮޓިންއިން ހިތުގެ ލޭ ހޮޅިތަކުގެ އެތެރޭ ފަށަލައަށް ވެސް ގެއްލުންދޭ. މީގެ ސަބަބުން ދުޅަވުން އުފެދި، ބަލިކަށިވެފައިވާ އެ ފަށަލައިން ކުދިކުދި ގޮތްގަނޑުތައް ވެސް ފަސޭހައިން ވަކިވެ، ލޭހޮޅިތައް ބެދި، ހާޓް އެޓޭކް ޖެހުމަށް މަގުފަހިކުރޭ. މީގެ އިތުރުން، ނިކޮޓިންއިން ސްޓްރެސް ހޯމޯން ކަމަށްވާ އެޑްރެނަލިން ދޫކުރުވައި. އޭގެ ސަބަބުން ހިތުގެ ވިންދު ބާރުވެ، ލޭގެ ޕްރެޝަރު ވަގުތުން މައްޗަށް ދޭ. ހިތާއި ލޭހޮޅިތަކުގެ ނިޒާމަށް ދެމިހުންނަ މި ބާރުބޮޑުވުމުގެ ސަބަބުން ހިތުން ލޭ ޕަމްޕުކުރުމަށް އިތުރު ބާރުލާން ޖެހި، ލޭހޮޅިތަކުގެ އެތެރޭ ފަށަލަ ހަލާކުކޮށްލާފާނެ،" ޑރ. ސިންގް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ