ހޮންކޮންގުގެ ފްލެޓުތަކެއްގައި އަލިފާން ރޯވެ، 44 މީހުން މަރުވެއްޖެ

ހޮންގްކޮންގުގައި މީހުން ދިރިއުޅޭ ފްލެޓުތަކެއްގައި އިއްޔެ ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 44 މީހަކު މަރުވެއްޖެ އެވެ.
މިއީ ވޭތުވެ ދިޔަ އެތައް އަހަރެއްގެ ތެރޭގައި އެ ސިޓީގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ.
ރޭ ހިނގި އެ އަލިފާނުގެ ހާދިސާގައި އިތުރު 279 މީހަކު ވަނީ ވީނުވީތަނެއް ނޭނގި ގެއްލިފަ އެވެ. އެ ހާދިސާއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އަލިފާން ރޯވީ ޓައި ޕޯ ޑިސްޓްރިކްޓްގައި ހުންނަ ވަންގް ފުކް ކޯޓުގަ އެވެ. 
މިއަދު ހެނދުނާ ހަމައަށް ވެސް އަލިފާން ނިއްވާ މީހުން ދިޔައީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.
ހޮންކޮންގްގެ ވަންގް ފުކް ކޯޓު ކޮމްޕްލެކްސްގައި ހުރި އަށް ރެސިޑެންޝަލް ބްލޮކްގެ ތެރެއިން ހަތް ބްލޮކެއްގައި އަލިފާން ރޯވި އެވެ. އަދި ބޯ ދުމާއި އަލިފާނުން ސަލާމަތް ވުމަށް އެތައް ސަތޭކަ ބަޔަކު ދުރަށްދާން މަޖުބޫރުވި އެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 44 މީހުން މަރުވެފައިވާ ކަމަށެވެ. އަދި 62 މީހަކަށް އަނިޔާވި އިރު، އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.
އޮފިޝަލުން ގަބޫލުކުރާ ގޮތުގައި، އަލިފާންގަނޑު އާދަޔާ ހިލާފަށް ހަލުވިކަމާ އެކު ފެތުރިގެން ދިޔައީ ބޭރު ފާރުގައި ހުރި މެޓީރިއަލްތަކަކީ އަލިފާނުން ރައްކާތެރިވެވޭނެ މިންގަނޑުތަކަށް ފެތޭ މެޓީރިއަލްއަށް ނުވާތީ އެވެ.
ލިފްޓް ލޮބީތަކުގެ ބިއްލޫރިތަކުގެ ބޭރުގައި ފަސޭހައިން އަލިފާން ރޯވާ ގޮތަށް ހުރި ސްޓައިރޯފޯމްތައް ވެސް ފުލުހުންނަށް ވަނީ ފެނިފަ އެވެ. ނަމަވެސް އެތަނުގައި އަލިފާނެއް ނުހިފަ އެވެ. ފުލުހުން ބުނީ އެ ތަކެތި އެތަނަށް ގެންގޮސްފައި ވަނީ ކޮންސްޓްރަކްޝަން ކުންފުންޏަކުން ކަމަށް ވެދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ